ޤައިދީންނަށް ހިންގާ ޤާރީ ކޯސް ލެވެލް 1 އަދި ބޭސިކް ޤްރުއާން ކްލާސް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އާއި އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަ ގުޅިގެން ޖަލުގެ ގައިދީންނަށް ޤްރުއާން ދެ ކޯސް މިއަދު ފަށައިފިއެވެ.

އެގޮތުން ގާރީ ކޯސް ލެވެލް އެކެއްގެ ފަސްވަނަ ބެޗް މިއަދު ފަށާފައިވާއިރު، މި ކޯހުގައި 32 ގައިދީން ވަނީ ބައިވެރި ވެފައެވެ. މި ކޯހަކީ ދެމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހަކަށްވާއިރު، މި ކޯހުން ފާސްވާ ގައިދީންނަށް ގާރީ ލެވެލް ދޭއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބޭނެކަމަށް ކަރެކްޝަނަލް ސާރވިސް އިން މައުލޫމާތު ދެއްވައެވެ. އަދި މިއަދު ގައިދީންނަށް ވަނީ ބޭސިކް ޤްރުއާން ކްލާހެއްވެސް ފަށާފައެވެ. މި ކްލާހުގައި 34 ގައިދީން ވަނީ ބައިވެރިވެފައެވެ. ބޭސިކް ޤްރުއާން ކްލާހުގައި ބޮޑަށް ބަލާނީ ގާރީ ކޯހަށް މީހުން ތައްޔަރުކުރުމަށް ކަމަށްވެސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އިން މިހާރުވެސް ޤައިދީންނަށް ގާރީ ލެވެލްގެ ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގާރީ ލެވެލްގެ ތިން ކޯހާއި، ހިފްސް ކްލާހާއި، އިސްލާމް ކްލާސްތަކުގެ އިތުރުން އެގްރިކަލްޗަރ ކޯސްތަކާއި، ފަހަން ދަސްކޮށްދޭ ކޯހާއި، ކޮމްޕިއުޓަރ ކޯސްތައް ހިންގަމުން ގެންދެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެން ފުޅާ ކުރުމަށް  ގެންދަނީ އިތުރަށް މަސައްކަތް ކުރަމުންނެވެ.