ސެޓްފިކެޓް އެކެއް އިން ކަސްޓޯޑިއަލް ސްޕަވިޝަން ކޯސް މާފުށީޖަލުގައި ފަށައިފި

ސެޓްފިކެޓް އެކެއް އިން ކަސްޓޯޑިއަލް ސްޕަވިޝަން ކޯސް މާފުށީޖަލުގައި މިއަދު ފަށައިފިއެވެ.

މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންގެ ތެރެއިން ކޯޕްރަލް ރޭންކްއިން ފެށިގެން ދަށުގެ ޖަލު އޮފިސަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އިން ކުރިއަށް ގެންދާ ކޯހެކެވެ.

މިކޯހުގައި، ޖަލުގެ މިނިމަމް އަދި މީޑިއަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރައްޖެހޭ ގޮތްތަކާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައިދެވޭނެއެވެ. އަދި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް ކިޔަވައިދެވޭނެއެވެ.

މާފުށީ ޖަލުގައި މިއަދު ފެށި ކޯސް ކުރިއަށް ގެންދަނީ ދެބެޗަކަށް ބަހާލައިގެންނެވެ. މިގޮތުން ބެޗް އެކެއް ގައި 32 އޮފިސަރުން އަދި ބެޗް ދޭއް ގައި 35 އޮފިސަރުން ބައިވެރިވެ ކިޔަވަމުންދެއެވެ. ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  ގެ މުދައްރިބުންނެވެ.

މީގެއިތުރުންވެސް އޮފިސަރުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތަކެއް މިއަހަރު ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މިގޮތުން ޖަލު އޮފިސަރުންގެ ތެރެއިން ސާޖެންޓް އަދި ސްޓާފް ސާޖެންޓް ރޭންކްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސްޕަވިޝަން ކޯސް ވަރަށް އަވަހަށް ފެށިގެން ދާނެއެވެ. އަދި އޮފިސަރުންނަށް އަމާޒުކޮށްގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އިން މަޢުލޫމާތު ދެއްވައެވެ.