މާފުށީޖަލުގައި ޤައިދީންނަށް ކިޔަވައިދިނުމަށް ތިން ކްލާސްރޫމާއި ލައިބްރަރީއެއް ހެދުމުގެ މަސައްކަތް ފަށައިފި

ޤައިދީންނަށް ކިޔަވައިދިނުމަށް އިތުރު ތިން ކްލާސްރޫމާއި، ލައިބްރަރީއެއް ހެދުމުގެ މަސައްކަތް މިއަދުު މާފުށީ ޖަލުގައި ފަށައިފިއެވެ.

މިހާރު ބޭނުންކުރަމުންދާ ކްލާސްރޫމްތަކުގައި ޖާގައިގެ ދަތިކަން ހުރުމުން ކިޔަވައިދިނުމުގައި ގޮންޖެހުތަކެއް ހުރިނަމަވެސް މިހާރު މާފުށީޖަލުގައި އަލަށް މިއިމާރާތްކުރެވޭ ތިން ކްލާސްރޫމްގެ ސަބަބުން ޤައިދީންނަށް ކިޔަވައިދިނުމުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.

މިހާރު ހުރި ކްލާސްރޫމްތަކުގައި 200 އެއްހާ ޤައިދީން ކިޔަވަމުންދާއިރު، އަލަށް ހަދާ އިމާރާތް ނިމުމުން އެއްފަހަރާ 400 އަށްވުރެ ގިނަ ޤައިދީންނަށް ކިޔަވައިދެވޭނެއެވެ. މިކްލާސްރޫމްތައް ނިމުމުން ޖަލުގެ %50 އިންސައްތަ ޤައިދީންނަށް ދަތިކަމެއްނެތި ކްލާސްތައް ހިންގަން ފެށޭނެއެވެ.

އަދި އަލަށްހަދާ ލައިބްރަރީގެ މަސައްކަތް ނިމުމުން މިހާރަށްވުރެ ގިނަވަގުތު ޤައިދީންނަށް ލައިބްރަރީގެ ބޭނުންކުރެވޭނެއެވެ. އަދި މި ލައިބްރަރީގެ ފޮތްތައް ޤައިދީން ތިބޭ ޔުނިޓްތަކަށް ގެންގޮސްގެން ފޮތްކިޔުމުގެ ފުރުޞަތުވެސް ޤައިދީންނަށް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ޤައިދީން ޔުނިޓްގައި ހޭދަކުރާ ވަގުތުތަކަކީވެސް ފައިދާހުރި މަޢުލޫމާތު ލިބިދެވޭ ވަގުތުތަކަށް ވެގެންދާނެއެވެ.

އަލަށް ހެދޭ މިއިމާރާތުގެ ސަބަބުން، ޤައިދީން ރިހިބިލިޓޭޓްކޮށް ރަނގަޅު ގޮތުގައި އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ޤައިދީންނަށް ހިންގާ ކްލާސްތައް އިތުރުކުރެވި، ގިނަ ޤައިދީން ތަކަކަށް ފުރުޞަތު ދެވިގެންދާނެއެވެ. މިހާރުވެސް ޤައިދީންނަށް އަމާޒުކޮށްގެން ގިނަ ކޯސްތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން ތަފާތު ސެޓްފިކެޓް ލެވެލްގެ ޤާރީ ކޯސްތަކާއި، ކޮމްޕިޔުޓަރ ކޯހާއި، އެގްރިކަލްޗަރ ކޯހާއި، ފަހަން ދަސްކޮށްދޭ ކޯސްތަކާއި، އަދި އަންހެން ޤައިދީންނަށް ޚާއްސަކޮށްގެން ޕޭސްޓްރީ ކޯހެއް އަންނަނީ ހިންގަމުންނެވެ.

އަލަށްހެދޭ 3 ކްލާސްރޫމާއި، ލައިބްރަރީ ހެދުމުގެ މަސައްކަތް ކުރަމުންދަނީ ޤައިދީންނެވެ. އަދި ބަރާބަރަށް މަސައްކަތް ކުރިއަށްދާނަމަ އެއް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ އިމާރާތުގެ ބޭނުން ކުރަން ފެށޭނެއެވެ.