މާފުށީ ޖަލުގެ މެއިންޓެނަންސް ގައި މަސައްކަތްކުރާ އޮފިސަރުންގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ބާއްވައިފި.

މާފުށީ ޖަލުގެ އޮފެންޑަރ އެންޑް މެއިންޓެނަންސް ގައި މަސައްކަތް ކުރާ އޮފިސަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މުބާރާތެއް އިއްޔެ ބާއްވައިފިއެވެ.

މާފުށީ ޖަލުގެ ފުޓްބޯޅަ ދަނޑުގައި ބޭއްވި މި މުބާރާތަކީ އޮފެންޑަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓްގެ އޮފިސަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި އޮފިސަރުންގެ މެދުގައި ކުޅިވަރުކުޅުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި އެއްދުވަހުގެ މުއްދަތަށް ކުޅުނު މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ ޑިޕާޓްމަންޓްގެ ސެކްޝަންތައް ހަ ޓީމަށް ބަހާލައިގެންނެވެ.

މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ މާފުށީ ޖަލުގެ އެކްޓިންގ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އެވެ. ކުޅުންތެރިންނާ މުހާތަބުކުރައްވާ އޭ.އެސް.ޕީ ސަލްމާން ރަޝީދު ވިދާޅުވީ ހުރިހާ ކުޅުންތެރިންވެސް މުބާރާތުގެ މަގުސަދު ހާސިލްކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރެއްވުމަށެވެ. އަދި ކުޅިވަރު، އޭގެ ރޫހުގައި ކުޅުމަށާއި އަނިޔާވެރި ކުޅުމެއް އެއްވެސް ކުޅުންތެރިއަކު ނުކުޅުމަށެވެ. އަދި މި މުބާރާތަކީ އެއްދުވަހުގެ މުބާރާތަކަށްވާއިރު މުބާރާތް ނިމޭއިރު އެހެން މީހުންގެ އިހްތިރާމް ލިބޭގޮތަށް މުބާރާތް ނިންމާލުމަށްވެސް އެދިލެއްވިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ “ގަސްވައްޓާ” ޓީމެވެ. ގަސްވައްޓާ ޓީމްވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.