އައްސޭރި ޖަލުގެ ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުޅާކުރަނީ.

އައްސޭރި ޖަލުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށް މިހާރުވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާމަކޮށްފިއެވެ.

އެގޮތުން މިހާރު އައްސޭރި ޖަލުގެ ގައިދީން މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރު ކުރުވުމަށާއި އެމީހުން މަސައްކަތުގައި ހޭދަކުރާ ވަގުތުތަކަކީ ބޭނުންތެރި ވަގުތުތަކަކަށް ހެދުމަށް ތަފާތު ކަންތައްތައް ގެންދަނީ ކުރުވަމުންނެވެ. އަދި ގައިދީން މިހާރު މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ނަމާދުކުރުމަށާއި ކެއިންބުއިމުގެ ކަންތައްތަކާއި ފާހާނާ ކުރުމުގެ ކަންތައްތައް ހަމަޖެއްސުމަށް ދަތިތަކެއް ހުރިނަމަވެސް އެކަންތައްތައް ހައްލު ކުރުމަށް އާ އިމާރާތެއް ހެދުމުގެ މަސައްކަތް އައްސޭރި ޖަލުގައި ކުރަމުން ގެންދާ ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.

އައްސޭރި ޖަލުގައި ގައިދީންލައްވާ ދަނޑުވެރިކަމުގެ މަސައްކަތާއި އަތްތެރި މަސައްކަތުގެ އިތުރުން ބަކަރި ގެންގުޅުމާއި ކުކުޅު ގެންގުޅުމުގެ މަސައްކަތްވެސް ކުރުވައެވެ. އަދި ކޮމިއުނިޓީއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިންމަފުށީގެ ފެކްޓްރީތަކުގައި މަސައްކަތް ކުރުވަން އައްސޭރި ޖަލުގެ ގައިދީން ގެންދެއެވެ.

ޖަލުތަކުގެ ހިންގުން އިތުރަށް ތަރައްގީކޮށް ގައިދީން ރަނގަޅުކޮށް، މުޖުތަމައުގެ އެހެން ފަރުދުންނާއެކު އުޅެވޭނެ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ ތަފާތު މަސައްކަތްތައް ގައިދީންލައްވާ ކުރުވަމުންނެވެ.