“މަހާރާނީ ފުޓްސަލް 2019” މުބާރާތުގެ ޗެމްޕިއަންކަން މާފުށީ ޖަލުގެ އަންހެން ފުޓްސަލް ޓީމުން ކާމިޔާބުކޮށްފި

މާފުށީގެ އަންހެނުންގެ ކޮމިޓީއާއި ނިއު ސްޓަރ ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވި “މަހާރާނީ ފުޓްސަލް 2019” މުބާރާތުގެ ޗެމްޕިއަންކަން މާފުށީ ޖަލުގެ އަންހެން ފުޓްސަލް ޓީމް 4-0 ލަނޑުން ކާމިޔާބުކޮށްފިއެވެ.

ރޭ މާފުށީގެ ޓަރފް ދަނޑުގައި ބޭއްވި ފައިނަލް މެޗްގައި މާފުށީ ޖަލާއި ވާދަކުރީ ގްރީން ޑީވާސްއެވެ. މި މެޗްގައި މާފުށީ ޖަލުގެ ޓީމުގެ ކުޅުން ރީތިވެ، ހާއްސަކޮށް މޮޅު ޕާސްތައްކޮށްފައިވާކަން ފާހަގަކޮށްލެއެވެ.

ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކަށާއި، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ މާފުށީ ޖަލުގެ ޕްރިޒަން ސްޓާފް ސަރޖަންޓް އައިމިނަތު ސުވެއިދާއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި މާފުށީ ޖަލުގެ އެސިސްޓަންޓް ސިވިލް އޮފިސަރ ހާޖަރާ އަޙްމަދު އާއި ޕްރިޒަން ކޯޕަރަލް ޝާޒްލީން މުޙައްމަދު ހިމެނެއެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ރުޤިއްޔާ މާއިލާއެވެ.

ޗެމްޕިއަން ޓީމަށް މާފުށީ ޖަލާއި އައިކޯސްޓް ގުޅިގެން ވަނީ ބޮޑުބެރާއިއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްޢުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އަދި މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ރިޟާ އާއި މާފުށީ ޖަލުގެ ސީނިއަރ އޮފިސަރުންވަނީ ޓީމާއި ވަކިން ބައްދަލުކޮށް މަރުހަބާކިޔާފައެވެ.

އަދި މާލޭގެ ފުޓްސަލް ޓީމްތަކާއި ވާދަކޮށް މިފަދަ ކާމިޔާބީ ހޯދާނާކެމަށް އުއްމީދުކުރައްވާކަމަށް ޑީސީޕީ ވިދާޅުވިއެވެ.

މާފުށީ ޖަލުގެ އަންހެން ފުޓްސަލް ޓީމް މި މުބާރާތުގައި ބައިވެރިވެ، ލިބުނު ކާމިޔާބީގެ ފަހަތުގައި މާފުށީ ޖަލުގެ ޑައިރެކްޓަރާއި ޑެޕިއުޓީ ޑައިރެކްޓަަރ އަދި އައިކޯސްޓް ގެ ފަރާތުން ލިބުނު އެހިތެރިކަމާއި އެއްބާރުލުން ހިމެނެއެވެ. އަދި މި ކާމިޔާބީއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަޔާތުގައި އަންހެން ޓީމަކުން މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.