މިޑްލް މެނޭޖަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ “މެނޭޖްމަންޓް ޓްރެއިނިންގ ފޮރ މިޑްލް މެނޭޖަރސް” ވަރކްޝޮޕް ނިންމާލައިފި

މޯލްޑިވްސް ކަރެކްޗަނަލް ސަރވިސްގެ މިޑްލް މެނޭޖަރުންނަށް އަމާޒުކޮށްގެން މާފުށީގައި ކުރިއަށްގެންދިޔަ “މެނޭޖްމަންޓް ޓްރެއިނިންގ ފޮރ މިޑްލް މެނޭޖަރސް” ކާމިޔާބު ކަމާއެކު މިއަދު ނިންމާލައިފި އެވެ.

މި ވަރކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އެވެ. މީގެއިތުރުން އެސިސްޓަންޓް ކޮމިޝަނަރ އފް ޕްރިޒަންސް މުޙައްމަދު އާސިފް އާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ވަރކްޝޮޕްގައި ބައިވެރިވި އޮފިސަރުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، ބަންދު ކުރެވޭ ކޮންމެ މީހަކީ ވެސް ކޮންމެ ވެސް މީގެއްގެ ދަރިއެއް ކަމަށާއި، ނުވަތަ ކޮންމެ ވެސް މީހެއްގެ އަންބެއް ނުވަތަ ފިރިއެއް ނުވަތަ މަންމައެއް ނުވަތަ ބައްޕައެއް ކަމަށެވެ. އަދި އެމީހުން އަނބރާ މުޖުތަމަޢަށް ގެނެވޭނީ ކަރެކްޝަންސްގެ އޮފިސަރުން އެމިހުންނާ ދޭތެރޭ ދެކޭގޮތް ބަދަލުކުރެވިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތައުލީމާއި ތަމްރީނު އޮފިސަރުންނަށް ލިބިދިނުމަކި މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން އެމްސީއެސް އަކީ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ މުވައްސަސާއަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތުގައި އައިސީއާރުސީގެ ފަރާތުން ދެއްވާ އެއްބާރުލުމާއި ހިލޭ އެހީގެ ގޮތުގައި ކޮށްދެއްވާ މިފަދަ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށާއި އައިސީއާރުސީއަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ.

މީގެ އިތުރުން މި ވަރކްޝޮޕްގައި ކިޔަވައިދެއްވި މިސްޓަރ ޕައުލަސް ގަރޓްސް ވިދާޅުވީ މިފަދަ ކަންކަން އެމްސީއެސް އިން އިންތިޒާމްކޮށްގެން ބާއްވާ ކަމީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި، މި ވަރކްޝޮޕްގައި ކިޔަވައިދިން އެއްޗެހީގެ ބޭނުން އެންމެ ފުރިހަމަ އަށް ކުރާނެކަމަށް ޔަޤީންކުރާ ކަމަށެވެ. ހަމަ އެހެންމެ މިފަދަ އެހެން ވަރކްޝޮޕްތައް މުސްތަޤްބަލުގައި ކުރިއަށް ގެނަދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ވަރކްޝޮޕަކީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އައިކޯސްޓާ އައިސީއާރުސީ ގުޅިގެން ކުރިއަށް ގެންދިޔަ ވަރކްޝޮޕެކެވެ. 21 އޮފިސަރުން ބައިވެރިވި މި ވަރކްޝޮޕްގައި ކިޔަވައިދެއްވީ އައިސީއަރުސީގެ ރީޖަނަލް ޕްރިޒަން ސިސްޓަމް އެޑްވައިޒަރ ފޯ މޯލޑިވްސް މިސްޓަރ ޕައުލަސް ޖިއަރޓްސް އެވެ. މިފަދަ ވަރކްޝޮޕްތަކުގެ މަޤްޞަދަކީ އެމްސީއެސްގައި މަސައްކަތްކުރާ މިޑްލް މެނޭޖަރުންނަށް ބޭނުންވާ ތަމްރީނުދީ، އެމީން ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުވާ ބޭނުންވާ އެންމެ ފުރިހަމަ ތަމްރީނުތައް ފޯރުކޮށްދިނުމެވެ.