ޕްރެވެންޓިންގ ކޮންޑްރަބޭންޑް ނަމުގައި ވާރކްޝޮޕެއް މާފުށީގައި ފަށައިފި

ޖަލަށް ވައްދާ މަނާ ތަކެތި ވެއްދުން ހުއްޓުވާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ވޯކްޝޮޕެއް މާފުށީގައި މިއަދު ފަށައިފި އެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓެން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ވޯކްޝޮޕްގައި ބައިވެރިވާ އޮފިސަރުން ބައިިވެރިވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯރކްޝޮޕަކީ ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވަންނަ ގޮތްތަކާއި، ހުރި މައްސަލަތައް ދެނެގަނެ އެކަންތައްތަކަށް ޖަލު އޮފިސަރުން ހޭލުންތެރި ކުރުވާ މިފަދަ ކަންތައްތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ވޯކްޝޮޕެކެވެ.

ICOST

ވޯކްޝޮޕް ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލަށް މަނާ ތަކެތި އެތެރެ ކުރާ މައްސަލައަކީ ޖަލުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން މިއަދުގެ ވޯކްޝޮޕް ނިމޭއިރު މިފަދަ ކަންކަން ހުއްޓުމަށް ކުރެވިދާނެ ކަންތައް ހޯދައި ދެނެގަނެވި، އެ ކަންކަން ޖަލުގައި ޤާއިމް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައި ހުންނަން ވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މިކަމަށް ބޭނުންވާނެ ވަޞީލަތްތައް ވީވަރަކުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، މިއަދު މިފެށުނު ވޯކްޝޮޕްގައި ބައިވެރިވާ ކޮންމެ އޮފިސަރަކު ވެސް ކޮށްފައިވާ ތަޖުރިބާގެ އަލީގައި މި ވޯކްޝޮޕަކީ ކާމިޔާބު ވޯކްޝޮޕަކަށް ހަދައިދިނުމަށް މަސައްކަތް ކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވި އެވެ.

މި ވަރކްޝޮޕަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްގެ އިސްނެންގެވުމަކަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމް ކޮށްގެން ފެށި ވަރކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި މާފުށީ ޖަލާއި، މާލެ ޖަލާއި އީއެސްޖީ އަދި އައްސޭރި ޖަލުގެ އިތުރުން ހެޑް އޮފީހުން މިޑްލް ކްލާސް މެނޭޖަރ ލެވެލްގެ 21 އޮފިސަރުން ބައިވެރިވި އެވެ.