ޕްރޮގްރާމް އޮފް ރީހެބިލިޓޭޝަން އެންޑް ރީ އިންޓެގްރޭޝަން ފޮރ ދަ ޓްރީޓްމެންޓް އޮފް ރިސިޑިވިޒަމް އައްސޭރި ޖަލުގައި ފަށައިފި

ކުށުގެ ވެށިން މީހުން ދުރުކޮށް އަނބުރާ މުޖްތަމަޢުއަށް ގެނެސް އަބުރުވެރި ދިރިއުޅުމެއް ހޯދާދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭން ޤައިދީންނަށް އަމާޒުކޮއްގެން ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހިންމަފުށި އައްސޭރި ޖަލުގައި މިއަދު ފަށައިފި  އެވެ.

“ޕްރޮގްރާމް އޮފް ރީހެބިލިޓޭޝަން އެންޑް ރީ އިންޓެގްރޭޝަން ފޮރ ދަ ޓްރީޓްމެންޓް އޮފް ރިސިޑިވިޒަމް” ގެ ނަމުގައި މިއަދު އިފްތިތާޙު ކުރެވުނު ޕްރޮގްރާމް ފައްޓަވާދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. މިއަދުގެ ރަސްމިއްޔާތިގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންސާނުންނަނީ ކުށް ކުރެވޭނެ ބައެއްކަމަށާ ކުށް ކުރެވޭ އިންސާނުންގެ ތެރޭން އެންމެ ރަގަޅު ބަޔަކީ އަވަހަށް ތައުވާބެ، އެކުށަށް ދުވަހަކުވެސް ދެން އަރައި ނުގަތުމަށް އަޒުމް ކަނޑައަޅައި، އެގޮތުގައި ދެމިތިބޭ މީހުންކަމަށެވެ.  އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރޭން މީހުން އިސްލާޙުވުމަށް ފުރުސަތު ހޯދާދީ، މުޖްތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ވީހާ ވެސް އަވަހަށް، ވީހާވެސް ގިނަ މީހުން ޖަލުތަކުން މިނިވަން ކުރުމަކީ ސަރުކާރުން އެދޭ ގޮތްކަމުގަ އެވެ.

Maldives Correctional Service

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ދެއްކެވި ވާހަކަފުޅުގަ، މިއަދު ޤައިދީއެއްގެ ގޮތުގައި ޖަލުގައި ހުންނަން ޖެހުމަކީ ﷲ ކުރިމަތި ކުރެއްވި އިމްތިޙާނެއްކަމުގަ ބަލައިގަތުމަށާއި، ކުށުގެ ވެށިން ދުރަށް ދިއުމަށް އަޒުމް ކަނޑައަައިާ، ތިމާގެ އާއިލާއާއި، މުޖްތަމައަށް ބޭނުންތެރި މީހަކަށްވުމަށް މަސައްކަތްކުރުމަށާއި،  އަބުރުވެރިކަމާއެކު ދިރިއުޅުމަށް އުންމީދުކުރުމަށް ވިދާޅުވި އެވެ. މަސައްކަތުގެ މާހަލުގައި ހުރި ގިނަ ގުނަ ގޮންޖެހުންތަކާއެކުވެސް، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ގެ އިރުޝާދާއި  ލަފާފުޅާއެކު އެއްސޭރި ޖަލުގެ އޮފިސަރުންގެ ބުރަ މަސައްކަތުން މިއަދު ފެށުނު ޕްރޮގްރާމްގެ އަމާޒަކީ ޤައިދީންގެ އުޅުމާ ޢަޚްލާގަށް ހެޔޮބަދަލުތަކެއް ގެނުވާދީ، އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮއްދީ،  އަބުރުވެރި ދިރިއުޅުމެއް އުޅޭނެ ހެޔޮލަފާ ބައެއްގެ ގޮތުގައި ވީހާވެސް ގިނަ ބަޔަކު މުޖްތަމައުއަށް ނެރެދިނުންކަމުގަ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވި އެވެ.

މިޕްރޮގްރާމްގެ ބައިވެރިންނަށް ހިންގޭ ރީހެބިލިޓޭޝަންގެ ކްލާސްތައް ނިމުމުން ދެން ދަސްކޮއްދެވޭނީ ޢާމްދަނީ ހޯދުމަށް ކުރާނެ ކޮންމެވެސް މަސައްކަތެކެވެ.  އެގޮތުން ހައުސް ވަޔަރިންގ، ވެޑިންގ އަދި ރެފްރިޖެރޭޝަން ފަދަ މަސައްކަތްތައްވެސް ދަސްކޮއްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 07 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޕެރޯލް އަދި ކްލެމެންސީގެ ފުރުސަތު ބޮޑުވާނެކަމަށް ޝަރަފްވެރި މެހެމާނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވި އެވެ.

މެލޭޝިއާގެ ކޮންސަލްޓަންޓެއް ކަމަށްވާ އެޑިނަރައިނާ އާރު ސުބްރަމާނިއަންގެ އެހީތެރިކަމާއެކު ފަރުމާކޮއްފައިވާ މި ޕްރޮގްރާމް ހިންގުމުގަ އިސްވެ ހުންނަވާނީ  އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސް.ޕީ މުޙައްމަދު ޝާހީން ޢަލީ އެވެ. ޤައިދީންނަށް ހިންގޭ މި ޕްރޮގްރާމްގައި ކިޔަވާދޭނީ  އައްސޭރި ޖަލުގެ އިސް އޮފިސަރުންނާއި،  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް ސިވިލް އޮފިސަރުންނެވެ. މި ޕްރޮގްރާމް ފަރުމާކޮށްފަވަނީ 3 މޮޑިއުލެއްގެ މައްޗަށެވެ. އެއީ ރިހެބިލިޓޭޝަން، ރީއިންޓަގްރޭޝަން އަދި އެޑިއުކޭޝަން އެވެ.