23 ވަނަ އަސާސީ ތަމްރީން ކޯސް ފަށައިފި

23 ވަނަ އަސާސީ ތަމްރީން ކޯސް، ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

މި ޕްރޮގްރާމަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން އިންތިޒާމްކޮށްގެން 17 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އަލަށް ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. މި ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވާނީ މިޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ދަރިވަރަކީ ސިފަވަންތަ، އަޚްލާޤް ރަނގަޅު، އަމުރަށް ކިޔަމަންވާ، ހަށިހެޔޮ މީހަކަށް ހެދުމަށާއި، ޕްރިޒަން އޮފިސަރަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުގަންނައިދިނުމުގެ މައްޗަށެވެ.

މާފުށީ ޖަލުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި އެމްސީ.އެސްގެ ވަޒީފާއަށް ކުރިމަތިލާފައިވާ 60 ޕްރިޒަން އޮފިސަރ ޓްރެއިނީ އިން ބައިވެރިވެ އެވެ.