އައްސޭރި ޖަލުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

އައްސޭރި ޖަލުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަޝްވަރާ ބައްދަލުވުމެއް އައްސޭރިޖަލުގައި މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ، އެޖަލުގައި މިހާރު ހިންގަމުން އަންނަ ރިހެބިލިޓޭޝަން ޕްރޮގްރާމަކީ، ޤައިދީންނަށް ގިނަގުން ފައިދާތަކެއް ކުރުވަނިވި، އަދި މި ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ކަށޭނެގޮތެއްގައި ހިފޭނެ ގޮތަކަށް ބައްޓަން ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މި ޕްރޮގްރާމްތަކުގެ ސަބަބުން ޙުކުމް ފުރިހަމަކޮށް ޖަލުން ނުކުންނަ ޤައިދީން އަނބުރާ ޖަލަށް އަންނަންޖެހޭ ފަދަ ކަންތަކާ ދުރުހެލިވުމަށް ވީހާވެސް ބޮޑަށް ބާރުއަޅާފަދަގޮތަކަށް ޕްރޮގްރާމްތައް ބައްޓަންކުރުމަށް ޚާއްޞަ އިސްކަންދިނުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްއާއި، އައްސޭރިޖަލުގެ ޑައިރެކްޓަރ އެސްޕީ މުޙައްމަދު ޝާހީން ޢަލީ އާއި، އައްސޭރިޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޭއެސްޕީ މުޙައްމަދު ޙުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.