އެމްސީއެސްގެ އޮފިސަރުންނަށް ބޭސްފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މެޑިކާ ހޮސްޕިޓަލާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށާއި އާއިލާތަކަށް މެޑިކާ ހޮސްޕިޓަލުން ހިލޭ ބޭސްފަރުވާގެ ޚިދުމަތްތައް ފޯރިކޮށްދިނުމަށް މެޑިކާ ހޮސްޕިޓަލް (މެޑިކާ) އާއި އެމްސީއެސްގެ ދަށުން ހިންގަމުން އަންނަ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) އާއިއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ޕްރިސްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްރިސްކޯގެ ޗެއާމަން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އެވެ. އަދި މެޑިކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޞާލިޙް އެވެ.

މި އެއްބަސްވުމަކީ، ޖަލުތަކާއި ޕެރޯލް ޤާނޫނުން ލާޒިމުކުރާ، މުވައްޒަފުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މުވައްސަސާއިން ކުރެވެމުން އަންނަ މައްސައްކަތްތަކުގެ ތެރެއިން ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން މެޑިކާ އިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ މުވައްޒަފުންނަށް އާސައިންދައިގެ އިތުރުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ ޕްރިސްކޯގެ ފަރާތުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ހަމަޖެހިފައިވަނީ، ޕްރިސްކޯ އިން ކަނޑައާޅާ ވަކި އުޞޫލެއްގެ ދަށުންނެވެ.