އެންޑީއޭ އާއި އެމްސީއެސް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

ނެޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

މި މަޝްވަރާ ބައްދަލުވުމަކީ، ދެ މުމައައްސާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން މި ބައްދަލުވުމުގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙުކުމް އިއްވޭ މީހުން އެން.ޑީ.އޭ އާއި ޙަވާލުކުރެވެންދެން ބަންދުގައި އެމީހުން ގެންގުޅޭއިރު ޢަމަލުކުރަން އެންމެ ރަނގަޅުގޮތް ޖަލު އޮފިސަރުންނަށް ދަސްކޮއްދިނުމަށް 1 ހަފްތާގެ ޕްރޮގްރާމެއް ހިންގުމަށް އެއްބަސްވެެވުނެވެ. އަދި އެން.ޑީ.ޢޭ ގެފަރާތުން ހިންގާ ޑްރަގް ޑީޓޮކްސިފިކޭޝަން ޕްރޮގްރާމާއި ބެހޭ މައުލޫމާތު ޖަލުއޮފިސަރުންނަށް ދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. މީގެއިތުރުން، ޖަލުގެ ތެރޭގައި ޑިޓޮކްސިފިކޭޝަން ފަރުވާ ދެވޭނެ މަރުކަޒެއް ކައިރި މުސްތަޤުބަލެއްގައި ޤާއިމް ކުރުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އާއި، އެންޑީއޭގެ ސީއީއޯ ހަސަން ޝަހީދާއި، އެންޑީއޭ ޓްރީޓްމަންޓް ސެކްޝަންގެ ގިނަ ބޭފުޅުން އަދި އެމްސީއެސްގެ ބައެއް ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.