މާފުށީ ޖަލުގައި ފެން ޕްލާންޓެއް ހުޅުވައިފި

މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ ޤައިދީން ބޭނުންކުރުމަށް އެޖަލުގައި ފެން ޕްލާންޓެއް މިއަދު ހުޅުވައިފި އެވެ.

މި ފެންޕްލާންޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް ޢިމްރާން ޢަބްދުﷲ އެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ޕްރިސް ޥޯޓަރގެ ޗެއާމަން ޢަބްދުﷲ ސަޢީދާއި، ކޮމިޝަންޑް އަދި ނޮން-ކޮމިޝަންޑް އޮފިސަރުން ބައިވެރިވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޤައިދީންނަށް ފޯރުކޮށްދެމުންދާ ގިނަ ޚިދުމަތްތައް ކުރިއަށްވުރެ ރަގަޅު ކުރުމަށް މިހާރު ކުރެވެމުން މިދާ މަސައްކަތްތައް ފާހަގަ ކުރައްވާ ކަމަށެވެ.

މީގެއިތުރުން ރޯދަމަހު ޤައިދީންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށް ވެސް މިނިސްޓަރ ޢިމްރާން އިލްތިމާސްކުރެއްވި އެވެ.

މާފުށީ ޖަލުގައި މިއަދު ފެން ޕްލާންޓެއް ހުޅުވިއިރު، މިދިޔަ މާރޗް މަހު އައްސޭރި ޖަލުގައި ވެސް ވަނީ ފެން ޕްލާންޓެއް ހުޅުވާފަ އެވެ.

މި މަސައްކަތަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އިސްނަންގަވައިގެން ފެއްޓެވި މަސައްކަތެކެވެ. އަދި މި މަސައްކަތް ހަލުވި ކަމާއިއެކު ނިންމާލުމަށްޓަކައި އެމްސީއެސްގެ އޮފިސަރުންނާއި ޤައިދީން ޢަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވި އެވެ.