ޤިރާޢަތު ކޯސް ލެވެލް 1 ގެ 19 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ތަފާތު ކޯސްތަކުގެތެރެއިން، ޤިރާއަތު ލެވެލް އެކެއްގެ 19 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

8 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މިކޯހަކީ، އައިކޯސްޓާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެން ސުންނަތާއި ގުޅިގެން ހިންގާ ކޯހެކެވެ.

މި ކޯހުގެ މަޤްޞަދަކީ، ފަރިތަކަމާއިއެކު ކީރިތި ޤުރްއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން، ޤިރާއަތުގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭޏުންވާ ޤައިދީންނަށް އެމަގުފަހިކޮށްދީ، އެދާއިރާއިން ކުރިއަށްދާނެ ފުރުޞަތު ހޯދައިދިނުމެވެ.

އެގޮތުން މިކޯހުގައި ކިޔަވައިދޭ ބައިތަކުގެތެރޭގައި، ޢާންމު މަޚްރަޖާއި، ވަކި އަކުރުތަކެއްގެ މަޚްރަޖާއި، ސޫރަތުއް ޟުޙާއިން ފެށިގެން ސޫރަތުއް ނާސިގެ ނިޔަލަށް ތަޖްވީދުމަގުން ބަލައިގެން ކިޔަވަން ދަސްކުރުމުގެ އިތުރުން، ސޫރަތުއް ޤާރިޢާއިން ފެށީގެން ސޫރަތުއް ކައުޘަރުގެ ނިޔަލަށް ތަޖްވީދުމަގުން ހިތުން ކިޔަވަން ދަސްކުރުން ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައިތިބި ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އެގޮތުން ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ ކިޔަވަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ.