މާލެ ޖަލުގެ އެނެކްސް 1 ބަންދުކުރުން

މާލެ ޖަލުގެ އެނެކްސް 1 ގައި ތިބި ހުރިހާ ޤައިދީން އެކި ޖަލުތަކަށް ބަދަލުކުރުމަށް ފަހު މަރާމާތުކުރުމަށްޓަކައި 2019 އޭޕްރީލް 15 ވަނަ ދުވަހު އެޖަލު ވަނީ ބަންދުކުރެވިފައެވެ. ރިމާންޑް ސެންޓަރެއްގެ ގޮތުގައި 2003 ސެޕްޓެމްބަރ މަހުގައި ހުޅުވިފައިވާ އެޖަލު، ފުރަތަމަ ބޭނުން ކުރަމުން ދިޔައީ  މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށްގެނެވޭ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލުމަށް ޙުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމަށާއި، ގޭބަންދުކުރުމަށް ޙުކުމްކުރެވޭ މީހުންގެ ތެރެއިން ޙަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ. ނަމަވެސް 2006 ވަނަ އަހަރު އެޖަލުގެ ތެރޭގައި އައު ގޮޅިތަކެއް ހެދުމަށްފަހު ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ގެންގެޅެން ފެށުނެވެ. މިގޮތުން، ވޭތުދިޔަ 4 އަހަރު މާލެ ޖަލުގެ އެނެކްސް 1 ބޭނުންކޮށްފައިވަނީ މުސްކުޅިންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ފަރުވާކުރާ މީހުންނާއި އަދި ބެލެހެއްޓުމުގައި ޚާއްޞަ އެހީތެރިކަން ދީގެން  ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްވުމަށެވެ.

2018 ނޮވެމްބަރ 17 ގައި ސަރުކާރު ބަދަލުވުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މަޤާމަށް އަބްދުﷲ މުނާޒު އައްޔަން ކުރެއްވުމާޢި ގުޅިގެން ޖަލުތަކަށް ކުރެއްވި ޒިޔާރަތުގައި، މާލޭ ޖަލުގެ އެނެކްސް 1 ގެ ހުރި ހާލަތަކީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދު ކޮއްގެން ގެންގުޅުމަށް އެކަށީގެންވާ ވަރުގެ ތަނެއް ނޫންކަމަށާއި، އާދައިގެ ކުދިކުދި މަރާމާތު ކޮއްގެން ބޭނުންކުރެވޭނެކަމަށް ނުފެންނަ ކަމަށާއި އިތުރަށް އެޖަލުގައި މީހުން ބަންދު ނުކޮށް، އެހެން ޖަލުތަކުން ޖާގަ ލިބުނުވަރަކުން އެޖަލުތަކަށް މީހުން ބަދަލުކުރަމުންގޮސް އެނެކްސް 1 ހުސްކުރުމަށް ވަނީ އަންގަވާފައެވެ. މިނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި، ބަންދުކޮއްގެން މީހުން ގެންގުޅެން އެކަށީގެން ނުވާ ކޮންމެ ތަނެއްވެސް އަލުން ފަރުމާކޮށް އެކަށީގެންވާ ތަންތަނަށް ހެދުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވަނީ ވިދާޅުވިއެވެ.

މާލޭ ޖަލުގެ އެނެކްސް 1 ހުސްކުރުމަށް  ނިންމަވަން ޖެހުނު ސަބަބުތަކުގެ ތެރޭގައި، އެޖަލުގެ ގޮޅިތައް ފަރުމާކުރުމުގައި  ދަގަނޑު ކޮށިތަކެއްގެ ސިފައިގާ ފަރުމާ ކޮއްފާ ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުން ހިމެނެއެވެ. އަދި ގޮޅިތަކުގެ ފާޚާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮއްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ޤައިދީންގެ އަދަދު ގިނަވެފައިވާތީއެވެ.

ކޮމިޝަނަރ ގެ ނިންމެވުމާއި ގުޅިގެން އެނެކްސް 1 ހުސްކުރެވިފައިވަނީ 2019 އޭޕްރީލް 15 ވަނަ ދުވަހުގައެވެ. އެނެކްސް 1 ދެން ބޭނުންކުރަން ފަށާނީ މީހުން ބަންދު ކުރުމުގައި އެހެން ޤައުމުތަކުގައިވެސް ޖަލުތައް ފަރުމާ ކޮއްފައި ހުންނަ ގޮތަށް އިމާރާތެއް ބިނާކުރުމަށް ފަހުގައެވެ.