މޯލްޑިވް ގޭހުގެ ފަރާތުން އެމްސީއެސްއަށް ކޮމްފިއުޓަރ ސިސްޓަމްތަކެއް ހަދިޔާކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި

ސީއެސްސީގެ ދަށުން މޯލްޑިވް ގޭހުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މޯލްޑިވް ގޭހުގެ ފަރާތުން ރަމްޒީކޮށް ސިސްޓަމްތައް ޙަވާލުކުރެއްވީ ޗެއަރޕަރސަން އަޙްމަދު ޝިފާން އެެވެ. އަދި އެމްސީއެސްގެ ފަރާތުން ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޙަވާލުވެވަޑައިގަތީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްއެވެ. އަދި އެމްސީއެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިސްކޯގެ ޗެއާމަން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އެވެ. އަދި މޯލްޑިވް ގޭހުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް އެވެ.

މި އެއްބަސްވުމަކީ، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދަށުން ޤައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެތެރެއިން، މޯލްޑިވް ގޭސް އާއި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ އާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ.

Maldives Correctional Service

މި އެއްބަސްވުމުގެ ދަށުން 2 އަހަރުދުވަހުގެ މުއްދަތަށް މޯލްޑިވްް ގޭސް ގެ ބައެއް ގޭސްފުޅިތަކާއި، ސިލިންޑަރުތައް މަރާމާތުކުރުމުގެ މަސައްކަތް ޤައިދީންތަކެއް ލައްވާ ކުރުވުމަށް ވަނި ހަމަޖެހިފަ އެވެ. މިފަދަ މަސައްކަތްތަކަކީ، އެމީހުން އަނބުރާ މުޖްތަމަޢަށް ނުކުންނައިރު އެމީހުންނަކީ ވަޒީފާގެ މާޙައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދައި، އެމީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ ތަނަވަސް ކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތްތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، މި ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުން ކުރާނީ ޤައިދީންގެ އެކި ބޭނުންތަކަށް ކަމަށާއި ޤައިދީންނަށް އެމީހުންގެ ހުނަރުތައް ތަރައްޤީކޮށް މަސައްކަތުގެ މައިދާނަށް އަހުލުވެރިވުމަށްް ތިދެއްވި ފުރުޞަތަށްޓަކައި، މޯލްޑިވް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމް އަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި، މިފަދަ ގިނަ ފުރުޞަތުތައް ފަހިކޮށްދެއްވައި، ޤައިދީން ރިހެބިލިޓޭޓް ކުރުވާ، މުޖުތަމަޢު ބަލައިގަންނަ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި އެމްސީއެސް އިން ކުރަމުން ގެންދާ މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމާއި، ބަހައްޓަވާ ގާތްކަމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް ޢިމްރާން ޢަބްދުﷲ އަށް ވެސް ސީޕީ ޢަބްދުﷲ މުނާޒް ވަނީ ޝުކުރުދަންނަވާފަ އެވެ.