21 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވި އޮފިސަރުންނަށް ސެޓްފިކެޓް ދީފި

21 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައި، ދަސްވެނިވި އޮފިސަރުންނަށް ސެޓްފިކެޓް ދީފި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އެވެ. އަދި މި ރަސްމިއްޔާތުގައި ޑެެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާޙިމް މުޙައްމަދު ދީދީ އާއި، ކޮމިޝަންޑް އަދި ނަން-ކޮމިޝަންޑް އޮފިސަރުންން ބައިވެރިވި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، އޮފިސަރުންނާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކޮނޑުގައި އަޅައިގެން ތިބޭ ބައެއް ކަމަށާއި، ވަޒީފާއަށް ކަމޭހިތައި ފަރުވާތެރިވުމަކީ ކޮންމެ އޮފިސަރަކު ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ކިޔެވި އެއްޗެއް ބޭނުންހިފައި، މަސައްކަތުގެ މައިދާނުގައްޔާއި ބޭރުތެރޭގައި ވެސް ރިވެތި އަޚްލާޤް ހިފެހެއްޓުމަށް އިސްކަން ދިނުމަށް ވެސް ސީޕީ ނަޞޭޙަތްތެރިވި އެވެ.

17 ހަފްތާގެ މުއްދަތަށް މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާގް ރަނގަޅު ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުން މި މުއައްސަސާގެ ކުރިމަގު އުޖާލާކުރުމަށް ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުމަށްހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

މިއަދުގެ ރަސްމިއަޔާތުގައި، އެމްސީއެސްގެ ވަޒީފާއަށް ކުރިމަތިލި 30 ޕްރިޒަން އޮފިސަރުން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފަ އެވެ.