22 ވަނަ އަސާސީ ތަމްރީން ކޯސް މާފުށީގައި ފަށައިފި

22 ވަނަ އަސާސީ ތަމްރީނު ކޯސް (ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް) މަފުށީގައި އިއްޔެ ފަށައިފި އެވެ.

މި ޕްރޮގްރާމް ފެށުމަށްޓަކައި މާފުށީ ޖަލުގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ގިނައަދަދެއްގެ ކޮމިޝަންޑް އޮފިސަރުންނާއި ސީނައަރ އޮފިސަރުން ބައިވެރިވި އެވެ.

ކ. މާފުށީގައި ހުންނަ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްސް (އައިކޯސްޓް) ގެ ޓްރެއިނިންގ ގްރައުންޑްގައި ފެށި މި ޕްރޮގްރާމަކީ، އަލަށް މި ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. މި ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ އޮފިސަރަކީ ސިފަވަންތަ، އަޚްލާޤް ރަނގަޅު، އަމުރަށް ކިޔަމަންވާ، ހަށިހެޔޮ މީހަކަށް ހެދުމަށާއި، ޕްރިޒަން އޮފިސަރަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުގަންނައިދިނުމުގެ މައްޗަށެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑީސީޕީ އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ، ފެށީގެންމިދާ ރެކްރޫޓް ބެޗަކީ މި ކޯހުގައި ބައިވެރިވާ އޮފިސަރުންގެ ކުރިމަގު އުޖާލާކުރުމަށް އަޅާ ބިންގަލެއް ކަމުގައި ވާންވާނެކަމަށެވެ. އަދި މި ބިންގާ ހަރުދަނާކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ކޮންމެ އޮފިސަރެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. މީގެ އިތުރުން ޑީސީޕީ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަކީ ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބޮޑު ވަޒީފާއެއްކަމަށެވެ. އަދި ހުރިހާ އޮފިސަރުންވެސް ޢަޒުމާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، ވެރިންނަށާއި އެކުގައި މަސައްކަތްކުރާ އޮފިސަރުންނަށް އިޙްތިރާމްކޮށް ވަޒީފާގެ މަސްޢޫލިއްޔަތުތަކަށް ކަމޭހިތައި ފަރުވާތެރިވުމަށް ޑީސީޕީ އިލްތިމާސްކުރެއްވި އެވެ. އަދި، ޓްރޭނިންގގައި ކިޔަވައިދޭ އަދި ދަސްކޮށްދޭ އެއްޗެއް ޖަލުތަކަށް ދިއުމަށްފަހު ޢަމަލީ މައިދާނުގައިވެސް ބޭނުންކުރުމަށާއި، ވަޒީފާގައި އުޅުނުކަމުގައިވިޔަސް އިތުރަށް މި ދާއިރާއިން ކިޔަވަން ހުރިހާ އޮފިސަރުންވެސް މަސައްކަތްކުރުމަށް ވެސް ނަސޭހަތްތެރިވި އެވެ.

މި ޕްރޮގްރާމަކީ 17 ހަފްތާއަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެމްސީއެސްގެ ވަޒީފާއަށް ކުރިމަތިލާފައިވާ ޕްރިޒަން އޮފިސަރ ޓްރެނީގެ 20 އޮފިސަރުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި 10 ފިރިހެން އޮފިސަރުންނާއި، 10 އަންހެން އޮފިސަރުން ހިމެނެއެވެ.