ޕްރިޒަން ކުލަބުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

ޕްރިޒަން ކުލަބް ގެ އަހަރީ ޢާންމު ޖަލްސާ މިއަދު މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައި ބާއްވައިފި އެވެ.

މި ޖަލްސާގެ ޚާއްޞަ މެހެމާނަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާޙީމް މުޙައްމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި ޕްރިޒަން ކުލަބުގެ މުއައްސިސް، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި، ޕްރިޒަން ކްލަބްގެ ރައީސް ސީޕީއޯ އަބްދުލް ޣަނީ އާއި، ކޮމިޝަންޑް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ޢާންމު މެންބަރުން ބައިވެރިވިއެވެ.

މާފުށި ޖަލުގެ ލެކްޗަރ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި، 2018 ވަނަ އަހަރު ކްލަބުގެ ފަރާތުން ހިންގި އެކިއެކި ޙަރަކާތްތަކާއި ކްލަބުން ބައިވެރިވެފައިވާ މުބާރަތްތަކާއި ގުޅޭގޮތުން ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މި ޕްރެޒެންޓޭޝަންގައި، ކްލަބުން އިންތިޒާމްކޮށްގެން މުއައްސަސާގެ އޮފިސަރުންނާއި މުވައްޒިފުންނަށް އަމާޒުކޮށްގެން ހިންގި ޙަރަކާތްތަކާއި، މުއައްސަސާއިން ބޭރު ފަރާތްތަކާއި ގުޅިގެން މުއައްސަސާއިން ބޭރުގައި ހިނގި ހަރަކާތްތަކާއި، ކްލަބްގެ ފަރާތުން ބައިވެރިވި ޤައުމީ ފެންވަރުގެ މުބާރާތްތަކާއި، ކުލަބުން އިންތިޒާމްކޮށްގެން ހިންގާފައިވާ އެކި އިޖްތިމާޢީ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު މި ޕްރެޒެންޓޭޝަންގައި ވަނީ ގެނެސްދީފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތައް އެކުލަވާލައި ތައްޔާރު ކޮށްފައިވާ އެކްޓިވިޓީ ކަލަންޑަރު ވެސް ވަނީ އިފްތިތާޙު ކޮށްފައެވެ. އެގޮތުން މިއަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތަކާއި، ކްލަބުން އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މުބަރާތްތަކާއި އިޖްތިމާޢީ ޙަރަކާތްތައް މި ކަލަންޑަރުގައި ހިމަނާފައިވެއެވެ. އެކްޓީވިޓީ ކަލަންޑަރ އިފްތިތާޙް ކޮށްދެއްވީ ޑައިރެކްޓާރ އޮފް ސްޕޯރޓްސް ފަރސްޓް ކްލާސް ޕްރިޒަން އޮފިސަރ މުޙައްމަދު ޝަރީފްއެވެ.

މީގެއިތުރުން، 2018 ވަނަ އަހަރު ކްލަބުން އެކިއެކި ޙަރަކާތްތަކަށް ކޮށްފައިވާ ޚަރަދުތަކާއި، އަހަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި ބާކީ ހުރި އަދާއި، 2019 ވަނަ އަހަރު ކްލަބުގެ އެކިއެކި ޙަރަކާތްތަކަށް ލަފާކުރެވޭ ބަޖެޓްވެސް ވަނީ ޙިއްސާކޮށްފައެވެ. އެގޮތުން ކްލަބުގެ ބަޖެޓާއި ބެހޭ މަޢުލޫމާތު ޙިއްސާކޮށްދެއްވީ، ފަރސްޓް ކްލާސް ޕްރިޒަން އޮފިސަރ އާދަމް ޝާކިރުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މިހާރު ޢަމަލުކުރަމުންދާ ޤަވާއިދުގެ ބައެއްމާއްދާތަކަށް އިޞްލާޙް ގެނައުމަށް މެންބަރުންގެ މެދުގައި ވޯޓެއްވެސް ވަނީ ނަގާފައެވެ. އެގޮތުން މައިގަނޑު 3 މާއްދާއެއްގެ މައްޗަށް ބަހުސްކުރެވި 3 މާއްދާއަކަށް އުނިއިތުރު ގެނައުމަށް މެންބަރުންގެ މެދުގައި ވޯޓުނެގިއެވެ.

މީގެއިތުރުން، 2018 ވަނަ އަހަރު ކްލަބަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށާއި، ކްލަބުގެ ހިންގާ ކޮމިޓީގެ އެންމެ ހިންގުންތެރި މެންބަރުންނަށް ވަނީ އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. މީގެއިތުރުން، ކްލަބުގެ ފަރާތުން ޖލުތަކަށް ހަދިޔާކުރާ ޖަރޒީ ސެޓް ވެސް ވަނީ ހަވާލުކޮށްފައެވެ.

އަދި މިރަސްމިއްޔާތުގައި، ކްލަބުގެ ކަންކަން ހަރުދަނާކޮށް އިތުރަށް ކުރިއެރުވުމަށްޓަކައި މެންބަރުންގެ ފަރާތުން ޚިޔާލު ހުށަހެޅުމަށްވެސް ފުރުޞަތު ދެވުނެވެ. މި ފުރުޞަތުގެ ބޭނުން ގިނަ މެންބަރުންތަކެއް ހިފިކަން ފަހާގޮށްލެވެއެވެ.