ކޮންޑިޝަނިންގ އެންޑް މެންޓޯރިންގ ވިތު އިންޓަރޕާސަނަލް ވަރކްޝޮޕް ހުޅުމާލޭ ޖަލުގައި ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސުޕަރވައިޒަރ، މެނޭޖަރ، އަދި ސެކްޝަން ހެޑް ލެވެލްގައި މަސައްކަތް ކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން ކޮންޑިޝަނިންގ އެންޑް މެންޓޯރިންގ ވިތު އިންޓަރޕާސަނަލް ސްކިލްސްގެ ނަމުގައި ހުރިހާ ޖަލުތަކެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްތަކުގެ ތެރެއިން ހުޅުމާލޭ ޖަލުގައި ކުރިއަށްގެންދިޔަ ވޯކްޝޮޕް އިއްޔެ ނިންމާލައިފިއެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ތިލަފުށީ އަހުލުވެރި މަރުކަޒު، އަދި މާލޭ ޖަލުގެ އޮފިސަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2 ދުވަހުގެ މުއްދަތަށް، މި ފެބްރުއަރީ މަހުގެ 5 އަދި 6 ވަނަ ދުވަހު އެވެ.

މި ވަރކްޝޮޕަކީ، އޮފިސަރުންނަށް އެކި ދާއިރާތަކުން ސުޕަރވައިޒަރ ލެވެލްގައި ކަންކަން ހަރުދަނާގޮތުގައި ކުރާނެގޮތް ދަސްކޮށްދިނުމަށް ބޭއްވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޤައިދީންގެ މިޒާޖު ދެނެގަންނާނެގޮތާއި، ޤައިދީންގެ ކަންކަން ނިންމުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޤައިދީން ހުށަހަޅާ ޤާނޫނާއި ޚިލާފު ކަންކަމުން ދުރުހެލިވެ ތިބޭނެގޮތްތަކާއި، ކަންކަން ހައްލުކޮށް ގޮތް ނިންމައި އަދި އެކި ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުއަޅާނެ ގޮތްތައް ވަނީ އުނގަންނައިދީފައެވެ.

މި މަޢުޟޫގެ ވަރކްޝޮޕެއް މިހިނގާ ފެބްރުއަރީ މަހުގެ 3 އަދި 4 ވަނަ ދުވަހު އައްސޭރިޖަލުގައި ވެސް ވަނީ ބާއްވައިފަ އެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ މެލޭޝިއާގެ ކޮންސަލްޓެންޓް އެޑީނަރައިނާ އާރ ސުބްރަމާނިއަމް އެވެ.