ޤައިދީންނަށް ފަރުވާ ދެމުން އަންނަ ނިޒާމް ހަރުދަނާކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި

ޤައިދީންނަށް ފަރުވާ ދެވޭ ނިޒާމް ހަރުދަނާކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި އައިޖީއެމް ހޮސްޕިޓަލް ގުޅިގެން ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، ޖަލުގައި ޙުކުމްތަންފީޒް ކުރަމުންދާ ޤައިދީންނަށް ބޭސްފަރުވާގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ދެވޭނެ ނިޒާމެއް ޤާއިމް ކުރުމަށް އައިޖީއެމް ހޮސްޕިޓާލާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދައްކަން ގެންދާ ޤައިދީން ކިޔުގައި މަޑުނުކޮށް، ޢާންމުންގެތެރޭގައި މަޑުކުރަން ނުޖެހޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވާހަކަދެކެވުނުކަމަށެވެ. އަދި އެޑްމިޓް ކުރެވޭ ޤައިދީންވެސް ޢާންމުންނާ އެކަހެރިކޮށް ވަކިން ބޭއްވޭނެފަދަ އިންތިޒާމެއް ހަމަޖެއްސުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމާއިގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ، ޤައިދީންނަށް ދެވޭ ބޭސްފަރުވާގެ ނިޒާމް ހަރުދަނާ ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާއި، އެމްސީއެސް އާއިއެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް މިހާރު ޤައިދީންނަށް ޚާއްޞަ ބައެއް ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖައްސަވާދެއްވާފައިވާކަމަށެވެ. އެގޮތުން ބޭސްފަރުވާއަށް ގެންދާ ޤައިދީން ވަކިން ޑޮކްޓަރަށް ދެއްކޭނެ ނިޒާމާއި، އެޑްމިޓް ކުރަން ޖެހިއްޖެ ޙާލަތެއްގައި ޢާންމުންނާ އެކަރިކޮށް ވަކިން ބޭއްވުމަށް ޤައިދީންނަށް ޚާއްޞަކޮށްގެން 2 ކޮޓަރިއެއް ޤާއިމްކުރެވިފައި ވާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޖަލުތަކުގެ ކަންތައްތައް ހަރުދަނާކުރުމަށް ގިނަ މަޝްވަރާތަކެއް މިހާރުވެސް ކުރެވެމުން އަންނަކަމަށެވެ. އަދި ޤައިދީންނާއި މެދު ޢަމަލުކުރެވެމުންދާގޮތް ވަކި ޤައިދީއެއް ތަފާތުކުރުމެއްނެތި، ހަމަހަމަ ގޮތެއްގައި ކަންތައްތައް ކުރާނެކަމަށާއި، އެކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާކަމުގައި ވެސް ވިދާޅުވި އެވެ.