ޤިރާޢަތު ކޯސް ލެވެލް 1 ގެ 18 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި

ޤިރާޢަތު ކޯސް ލެވެލް 1 ގެ 18 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.

8 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މިކޯހުގައި ފިލީގެ ހަރަކާތްތަކާއި، ޢާއްމު މަޙްރަޖް ( ތަފްސީލާއެކު)، ވަކި އަކުރުތަކެއްގެ މަޙްރަޖާއި، ސޫރަތުއް ޟުހާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ތަޖްވީދު މަގުން ބަލައިގެން ކިޔަން އަދި ސޫރަތުލް ޤާރިއާއިން ފެށިގެން ކައުސަރުގެ ނިޔަލަށް ތަޖްވީދު މަގުން ހިތުން ކިޔަން ދަސްކުރުން ހިމެނެއެވެ.

މިކޯހުގެ ކްލާސްތައް ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާފުށީޖަލުގެ ކްލާސްރޫމްގައި ކުރިއަށްދާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައިތިބި ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އެގޮތުން ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ ކިޔަވަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ.