ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 އަދި ފޭސް 2 ނިންމި ޤައިދީންނަށް ސެޓްފިކެޓް ދީފި

ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 އަދި ފޭސް 2 ނިންމި ޤައިދީންނަށް މިއަދު ސެޓްފިކެޓް ދީފި އެވެ.
މާފުށި ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ، ޤައިދީންނަށް ސެޓްފިކެޓް ޙަވާލް ކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއެވެ. މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި، މާފުށިގެ ޖަލުގެ އޮފިސަރުންގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުން ބައިވެރިވި އެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެން ދިޔަ މި ރަސްމިއްޔާތުގައި، ފޭސް 1 އަދި ފޭސް 2 ނިންމި ޤައިދީންނަށާއި، ޕްރޮގްރާމްގައި ކިޔަވާދެއްވި ފެސިލިޓޭޓަރުންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފަ އެވެ.
އެގޮތުން، މިއަދުގެ ރަސްމިއްޔާތުގައި 41 ޤައިދީއަކު ވަނީ ފޭސް 1 އަދި ފޭސް 2 ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައެވެ. މީގެތެރެއިން 8 ޤައިދީއަކު ވަނީ 100% މާރކްސް އާއިއެކު މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ޤައިދީންނަށް ތަފާތު މަސައްކަތްތައް މިހާރުވެސް ދަސްކޮށްދެވެމުން އަންނަ ކަމަށާއި، އުންމީދަކީ އަދި މިއަށްވުރެވެސް ފުރިހަމައަށް މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ކުރިއަށްގެންދިއުންކަމަށެވެ. އެގޮތުން މިހާރުވެސް އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށްވެސް ސީޕީ އަބްދުﷲ މުނާޒް ވިދާޅުވިއެވެ. މީގެއިތުރުން ސީޕީ ވިދާޅުވީ، ޤައިދީންނަށް ދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ރަގަޅުކޮށް ހަރުދަނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށާއި، އެގޮތުން ބައެއް ކަންކަން މިހާރު ވަނީ ނިމިފައިކަމަށެވެ. އެގޮތުން، ޤައިދީން ޑޮކްޓަރަށް ދެއްކުމަށްވެސް މިހާރު ފަސޭހަތަކެއް ހުންނާނެ ކަމަށާއި، އެގޮތުން، ކިޔޫގައި ނުޖެހި ޤައިދީން ޑޮކްޓަރަށް ދެއްކޭނެ ގޮތް މިހާރު ހަމަޖެހިފައިވާނެކަމަށެވެ.
އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކް ޕްރޮގްރާމަކީ، 4 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، ޤައިދީން އަނބުރާ މުޖްތަމަޢަށް ނުކުންނައިރު، އެމީހުންނަކީ ވެސް ޚިދުމަތްތެރި، މަސައްކަތް ދަންނަ، މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމެވެ. އަދި އަސާސީ ތަޢުލީމު އުނގަންނައިދީ، އެމީހަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދީ، ފުރުޞަތުތައް ތަނަވަސްކޮށްދިނުމެވެ.