އެގްރިކަލްޗަރގައި މަސައްކަތް ކުރާ ޤައިދީންނަށް ވަރކްޝޮޕެއް ފަށައިފި

މާފުށީ ޖަލުގެ ވޮކޭޝަނަލް، އެގްރިކަލްޗަރ އެންޑް ޕްރިޒަން ލޭބަރ ޑިޕަރޓްމަންޓާއި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގުޅިގެން މާފުށީ ޖަލުގެ ދަނޑުތަކުގައި މަސައްކަތް ކުރާ ޤައިދީންނަށް އަމާޒުކޮށްގެން ވަރކްޝޮޕެއް ފަށައިފިއެވެ.

އިއްޔެ ފެށި މި ވަރކްޝޮޕަކީ، މިއަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާގޮތަށް ފެށި ވަރކްޝޮޕެކެވެ.

މި ވަރކްޝޮޕްގެ މަޤްޞަދަކީ މާފުށީ ޖަލުގެ ދަނޑުތަކުގައި މަސައްކަތް ކުރާ ޤައިދީންނަށް ގަސްހައްދާނެ ގޮތާއި، ކާނާއާއި، ވެލިގަނޑު ތައްޔާރު ކުރާނެގޮތާއި، ގަސްތަކަށް ޖެހޭބަލިތަކާއި، އަދި އެބައްޔަކާއި ގުޅިގެން އެގަހަކަށް ދޭނޭ ފަރުވާ ދަސްކޮށްދިނުމާއި، ގަސްތަކަށް ބޭނުންކުރާ ކާނާއާއި، ބެހޭގޮތުން މަޢުލޫމާތު ދިނުމެވެ. އަދި ގަސްތަކަށް ބޭސްޖެހުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ދަސްކޮށްދިނުމާއި، ސަލާމަތީ ގޮތުން ޤައިދީން އަމަލުކުރަންޖޭހޭ ކަންތައްތައް ދަސްކޮށްދިނުމެވެ.

މި ވޯކްޝޮޕް ހިންގުމުގެ އެންމެ މުހިއްމު ބޭނުމަކީ ޤައިދީން މުޖުތަމަޢަށް ނުކުންނައިރު އެމީހުންނަކީ މަސައްކަތްތަކެއް ކުރަން ދަންނަ ބަޔަކަށް ހެދުމާއި، ޖަލުގައި ހުންނަ ދުވަސްވަރު އެމީހުންގެ އުޅުން އިސްލާޙް ކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.