ޤިރާއަތު ލެވެލް 2 ގެ 10 ވަނަ ބެޗް ފަށައިފި

ޤިރާއަތު ލެވެލް 2 ގެ 10 ވަނަ ބެޗް މާފުށީޖަލުގައި ފަށައިފި އެވެ.

މިއަދު ފެށި މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒ (އައިކޯސްޓް) އާއި، އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނާ އާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

4 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިކޯހަކީ، ޤިރާއަތު ލެވެލް 1 ނިންމާ ކޯހުން ފާސްވި ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުގެ މަޤްޞަދަކީ، ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހުންގެ ތެރެއިން ޤިރާތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ދާއިރާއިން ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މި ލެވެެލް ނިންމާ ކޮންމެ ޤައިދީއަކަށްވެސް ކޯސް ނިމޭއިރު، ހުރިހާ އަކުރެއްގެ މަޚްރަޖުގެ ސިފަތަކާއި ޢާއްމު މަޚްރަޖް ( އިތުރު ތަފްސީލާއެކު ) ފިލީގެ އަޑު ހަމަކުރުމާއި، ސޫރަތުއް ނަބާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ތަޖްވީދު މަގުން ބަލައިގެން ކިޔަން، އަދި ސޫރަތުލް ޣާޝިއާ އިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ތަޖްވީދު މަގުން ހިތުން ކިޔަން ދަސްކޮށްދިނުމެވެ. އަދި ބައެއް އަޚްލާޤީ ޞިފަތައްވެސް މި ކޯހުގައި ކިޔަވައިދޭނެއެވެ.

މި ކޯހުގައި މާފުށީޖަލުގެ 17 ޤައިދީން ބައިވެރިވެފައިވެއެވެ.