މާފުށީ ޖަލުގައި ފިޒިކަލް ޕްރޮގްރާމެއް ފަށައިފި

މާފުށީ ޖަލުގައި ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން “ރަނގަޅު ސިއްހަތަކަށް ކަސްރަތު”ގެ ނަމުގައި ފިޒިކަލް ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މިމަހުގެ 2 ވަނަ ދުވަހު ފެށި މިޕްރޮގްރާމް ނިމުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. ތިން ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 6:15 އިން 7:00 ށް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމަކީ ފިޒިކަލް ޓެސްޓަށް އޮފިސަރުން ތައްޔާރުވުމުގެ ގޮތުންނާއި، އޮފިސަރުންގެ ފިޒިކަލް ފިޓްނަސް ރަގަޅުކުރުމަށާއި، ކަސްރަތަކީ ރަގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއްކަން އަންގައިދީ ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ކުރިއަށްގެންދަނީ މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައެވެ.

އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މީގެކުރިންވެސް އޮފިސަރުންނަށް އަމާޒުކޮށްގެން މިފަދަ އެތައް ޕްރޮގްރާމްތަކެއްް ވަނީ ކުރިއަށް ގެންގޮސްފައެވެ.