ޤައިދީންގެ ސުލޫކީ މިންގަނޑަށް އައި ބަދަލުތައް ވަރަށް ރަނގަޅު –ޑީސީޕީ ޒިލާލް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ތިބި ޤައިދީންގެ ސުލޫކީ މިންގަނޑަށް ރަނގަޅު ބަދަލުތަކެއް އައިސްފިކަމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވެއްޖެއެވެ.

ޑީސީޕީ ޒިލާލް މިހެން ވިދާޅުވީ މާފުށީ ޖަލުގެ ޤައިދީން ކުރަމުންގެންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން ރޭ އެޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑީސީޕީ ޒިލާލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޤައިދީން މިހާރު ޖަލުގެ ތޭރިތަކުގެ ތެރެއިން ނުކުމެ، ޖަލުސަރަޙައްދުން ބޭރުވެ، ކޮމިއުނިޓީ ތެރެއަށް މަސައްކަތަށް ނުކުތުމަކީ އެމްސީއެސް އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ޤައިދީން ދައްކަމުންގެންދާ ނަމޫނާއަކީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި މިއަށްވުރެން ކާމިޔާބު ކަމާއެކު ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސްތައް ހިނގައިގަތުމުން އިތުރަށް މަސައްކަތްތައް ހަލުވިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑީސީޕީ ޒިލާލް ވިދާޅުވީ ޖަލުން ނުކުންނަ ކޮންމެ މީހަކީވެސް ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސްތައް ފުރިހަމަ ކޮށްގެން ނުކުންނަ މީހަކަށް ވުމަށް އުންމީދު ކުރައްވާ ކަމަށާއި، ޤައިދީން އަނބުރާ މުޖުތަމަޢަށް ނުކުތުމަށް ކުރަމުން ތިޔަ ގެންދާ މަސައްކަތުގައި ކާމިޔަބަށް އެދޭކަމަށެވެ.

މި ރަސްމިއްޔާތުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، ސީޕީއޯ އަޙްމަދު ރިޒާއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް ރޭންކުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ގިނަ ޢަދަދެއްގެ ޤައިދީންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.