މާފުށި ޖަލުގައި ޢާއިލީ ހަވީރެއް ބާއްވައިފި

މާފުށީ ޖަލަށް 20 އަހަރު ފުރުމާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީއެސްޖީ) އަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން މާފުށީ ޖަލުގައި މިއަދު ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

ޢާއިލީ ހަވީރު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މި ހަވީރުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ސީޕީއޯ އަޙްމަދު ރިޒާގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް ރޭންކުގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

_MG_6043

މާފުށީ ޖަލާއި އީއެސްޖީގައި މަސައްކަތްކުރާ އޮފިސަރުންގެ ޢާއިލާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަވީރުގައި ކުޑަކުދިންނާގުޅޭ ތަފާތު ކުޅިވަރުތައް ހިމެނޭ ސްޓޯލްތައް ވަނީ ޤާއިމް ކޮށްފައެވެ. މި ހަވީރަށް އޮފިސަރުންގެ ޢާއިލާތަކުގެ ބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ.

މި ހަވީރަކީ މާފުށީ ޖަލުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ހަވީރެކެވެ. މި ހަވީރުގެ ސަބަބުން ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާކަމަށް މި ހަވީރު އިންތިޒާމްކުރި ފަރާތުން މަޢުލޫމާތު ދެއްވައެވެ.