ކޮމިޝަނަރ އޮފް ޕްރިޒަންސް ކޮމިޝަންޑް އޮފިސަރުންނާ ބައްދަލުކުރައްވައިފި

_MG_5621

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެންމެހައި ކޮމިޝަންޑް އޮފިސަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ރިޔާސީ އައު ދައުރެއް ފެށުމަށް ތައްޔާރުވަމުންދާއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން، ޤައިދީންނަށް ދެމުންގެންދާ ޚިދުމަތްތަކާ އޮފިސަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންތައްތައް ބަލައި އެކަންކަން ކުރުމަށް ސީޕީ އިރުޝާދު ދެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ. އަދި ކުރިމަގުގައި މި މުވައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅު ހާމަކުރެއްވުމަށާއި މިދިޔަ ބާރަވަރަކަށް އަހަރުތެރޭ ރާއްޖޭގެ ޖަލުތަކަށް އައިސްފައިވާ ބަދަލުތަކާ ބެހޭގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ޤައިދީން ރިހެބިލިޓޭޓްކުރުމުގެ މަޤްސަދަކީ ހަމައެކަނި މުޖުތަމަޢަށް ހެޔޮގޮތުގައި ނެރެދިނުމުގެ އިތުރުން، އަލުން ޖަލަށް ނާންނާނެ މީހަކަށް ހެދުންކަމުގައި ބަލައިގެން އެގޮތަށް ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަން ކުރުމަށް މަސައްކަތް ކުރެއްވުމަށްވެސް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ. އަދި ޤައިދީން ޖަލަށް ގެނެވޭ ހިނދު ކުރެވޭ އިވެލުއޭޝަންތައް ހަރުދަނާކޮށް، ކޮންމެ ޤައިދީއަކަށް އެންމެ އެކަށީގެންވާ ޕްރޮގްރާމަކީ ކޮބާކަން ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތަކަށް އަލިއަޅުވާ ލެއްވެވިއެވެ. އަދި އެއްވެސް ޤައިދީއަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރި ނުވެވި ހުރެވިގެން ނުވާނެކަމަށާއި އެއިން ކޮންމެ މީހަކީވެސް ވަކި ފަރުދެއްގެ ގޮތުގައި ބަލައިގެން އެކަށީގެންވާ ޕްރޮގްރާމެއް ހަމަޖައްސައި ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ސީޕީ ވިދާޅުވީ، ކޮމިޝަންޑް އޮފިސަރުންނަކީ މުވައްސަސާ ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ އޮފިސަރުން ކަމަށެވެ. އަދި ޕްރިޒަން އޮފިސަރުންނަށް ނަމޫނާ ދައްކުވައިދޭ ބައެއް ކަމަށެވެ. މުވައްސަސާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ބަޔެކެވެ.

މުވައްސަސާ ހަރުދަނާ ކުރެވޭނީ، ހުސްޖާގައެއް ނެތްގޮތަށް ހަރުދަނާ ގަވާއިދުތަކާއި އުސޫލުތައް ޤާއިމު ކުރެވިގެން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އޮފިސަރުންނަށް މިހާރު ލިބޭ ޚިދުމަތްތަކުގެ އިތުރުން، ހައުސިން ސްކީމާއި، ޕްރިޒަން އޮފިސަރުންނަށް ސައިކޮލޮޖިކަލް ސަޕޯޓް ހޯދުމަށް މަސައްކަތްކުރަންޖެހެއެވެ. ސީޕީ ޝިހާން އިތުރަށް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންގެ ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމަށް ޕްރިސްކޯ އިން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި އެގޮތުން މި ސަރވިސްގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މަދަނީ މުވައްޒަފުންނަށް އާސަންދަގެ އިތުރުން ބޭސްފަރުވާގެ ހަރަދު ލިބޭނެ ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން، ބައިނަލް އަގުވާމީ ގޮތުން އެމްސީއެސް ގުޅިފައިވާ ފަރާތްތަކުން ލިބެމުންދާ ފައިދާތަކުގެ ތަފްސީލު ސީޕީ ދެއްވިއެވެ. އަދި މި އަހަރު “އަޕްކާ” (އޭޝިއާ އެންޑް ޕެސިފިކް ކޮންފަރަންސް އޮފް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަންސް)ގެ މެންބަރަކަށް ރާއްޖެވެފައިވާކަން ހާމަ ކުރެއްވިއެވެ. އަދި އެފަދަ ބައިނަލް އަގުވާމީ ޖަމާޢަތްތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ސީޕީ އަލިއަޅުވާލެއްވިއެވެ. އަދި ސީޕީ ޝިހާން ވިދާޅުވީ އެހެން ޤައުމުތަކުގެ ޖަލުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ބައްޓަންކުރުމުން މި މުއައްސަސާއަށް ބޮޑެތި ފައިދާތަކެއް އިތުރަށް ޙާޞިލުވެގެން ދާނެކަމަށެވެ.

މިއަދު އެމްސީއެސްގެ ހެޑްކުއާޓަރުގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އާއެކު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައިވެރިވެ ވަޑައިންނެވިއެވެ. އަދި ޖަލުތަކުގެ ޑައިރެކްޓަރ އޮފް ޕްރިޒަނުންނާއި އީއެސްޖީގެ ކޮމާންޑިންގް އޮފިސަރާއި ހުރިހާ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވެވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *