ޤިރާއަތު ކޯސް ލެވެލް އެކެއްގެ ސޯޅަ ވަނަ ބެޗު މާފުށީ ޖަލުގައި ފަށައިފި

ޤިރާއަތު ކޯސް ލެވެލް އެކެއްގެ ސޯޅަ ވަނަ ބެޗު މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މާފުށީ ޖަލުގައި އަށް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 23 ޤައިދީން ބައިވެރިވެފައިވެއެވެ.

މި ކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައިތިބި ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އެގޮތުން ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ ކިޔަވަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ.