ރިހެބިލިޓޭޝަން ފްރޭމް ވޯރކް ފޭސް 2 ނިންމި ޤައިދީންނަށް ފޭސް 3 ފަށައިފި

ރިހެބިލިޓޭޝަން ފްރޭމް ވޯރކް ފޭސް 2 ފުރިހަމަކުރި ޤައިދީންނަށް، ފޭސް 3 ގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މާފުށީ ޖަލުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޖަލުތަކުގައި ތިބޭ ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ތަކުގެ ބޭނުމަކީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސްތައް ނިންމާ ކޮންމެ ޤައިދީއަކީ ސަރުކާރު ޤަބޫލްކުރާ ފެންވަރުގެ ތަޢުލީމާއި، ތަމްރީނު ލިބިފައިވާ މީހަކަށް ހެދުމާއި، އަމިއްލަ ދިރިއުޅުމަށް ފައިދާ ކުރުވަނިވި މަސައްކަތެއް ދަސްކޮށްދެވިފައިވާ މީހަކަށް ހެދުމުގެ އިތުރުން ޤައުމީ ސަނަދު އޮނިގަނޑު ލެވަލް-3 ގެ ސެޓްފިކެޓެއް ހާސިލްވާނެ މިންވަރަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ މީހަކީ ފޭސް-4 ގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އެމީހަކަށް ތަމްރީނު ލިބިފައިވާ ދާއިރާއަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައި ތިބި ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދެއެވެ. އެގޮތުން ޤައިދީންނަށް މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ސަނަދު ހާސިލުކުރުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ. އަދި މަސައްކަތް ދަސްކުރަން ބޭނުންވާ ޤައިދީންނަށް އެ ފުރުޞަތުވެސް ވަނީ ތަނަވަސްކޮށްދީފައެވެ. މި ފުރުޞަތު ތަކުގެ ބޭނުން ގިނަ ޤައިދީން ހިފަމުން ގެންދެއެވެ.