މެޑިކަލް ބޯޑު

މިހާރަކަށް އައިސް މީޑިއާގައި އަދި ޢާންމުންގެތެރޭގައި މި ސަރވިސްގެ މެޑިކަލް ބޯޑާ ގުޅޭގޮތުން ދެކެވެމުންދާ ބައެއް ވާހަކަތަކަކީ އެކަމުގެ ފުރިހަމަ މަޢުލޫމާތު ނުލިބި ދައްކަމުންދާ ވާހަކަތަކެއްކަން ފާހަގަ ކުރަމެވެ. ތިރީގައި އެވަނީ މެޑިކަލް ބޯޑާ ގުޅޭ ބައެއް މަޢުލޫމާތެވެ.

  • ޤާނޫނު ނަންބަރު: 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 117 ވަނަ މާއްދާގައި ވަނީ:

ޞިއްޙީ ބޭނުމައްޓަކައި ދޫކުރުން

117. ޙުކުމް ތަންފީޛު ކުރަމުންދާ މީހަކަށް ކޮންމެހެން ބޭނުންވާ ޞިއްޙީ ފަރުވާއެއް ރާއްޖެއިން ލިބެންނެތް ޙާލަތްތަކުގައި، ކަމާބެހޭ ޚާއްޞަ ޑޮކްޓަރެއް އެގޮތަށް ނިންމައިފިނަމަ، މެޑިކަލް ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ޢައްޔަނުކުރާ މެޑިކަލް ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން އޭނާ ޞިއްޙީ ބޭނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ދޫކުރުމުގެ ހުއްދަ ކޮމިޝަނަރަށް ދެވިދާނެއެވެ.

  • ގަވާއިދު ނަންބަރު: 2015/R-223 (ޙުކުމް ތަންފިޛުކުރާ މީހުން ޢަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު) ގެ 11 ވަނަ މާއްދާގައި ވަނީ:

މެޑިކަލް ބޯޑުގެ މަސްއޫލިއްޔަތު

11. (ހ) ޙުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި ބަންދުމީހުންގެ ތެރެއިން ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި އެކަމަށް ގޮތް ނިންމުން؛

(ށ) ޙުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި ބަންދުމީހުންގެ ތެރެއިން ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވޭ މީހުންގެ ފަރުވާގެ ކަންތައްތައް ރިވިއުކޮށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް ލަފާއެރުވުމެވެ.

(ނ) ތިރީގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްފޮނުވާ މީހުންގެ މުއްދަތު ކަނޑައަޅަންވާނެއެވެ.

(1) ބޭސްފަރުވާއަށް ހިނގާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ މުއްދަތު؛

(2) ބޭސްފަރުވާއަށް ދާ ބަލީގެ ބާވަތް؛

(3) ބޭސްފަރުވާގެ ޚަރަދު ހަމަޖައްސަން ނިންމާފައިވާ ގޮތް؛

(ރ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްފޮނުވާ ފަރާތްތަކުގެ މުއްދަތު، ފޮނުވިފައިވާ ފަރާތުން ތިރީގައި ބަޔާން ކޮށްފައިވާ ލިއުންތައް ހުށަހެޅުމުން ފޮނުވިފައިވާ މުއްދަތު ހަމަވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެފަރާތެއްގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއްނިންމަންވާނެއެވެ.

(1) ބޭސްފަރުވާ ގެ މުއްދަތު ނުނިމޭކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން؛

(2) އެޑްމިޓް ކޮށްފައިވާކަން އެނގޭނެ ފަދަ ކޮންސިއުލޭޓަރގެ ލިޔުން؛

(3) ބޭސް ފަރުވާގެ މުއްދަތު ނިމޭނެ ކަމަށް ޑޮކްޓަރ ބުނާބުނުން؛

(4) ބަލި ޙާލަތު އަންގައިދޭ ލިޔުން.

(5) ބޭސްފަރުވާ ކުރި ގޮތުގެ ތަފްޞީލް؛

  • މީގެ އިތުރުން 31 އޮގަސްޓް 2014 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު: 2014/R-187 (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓުއަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ޞިއްޙީ މަރުކަޒު ފިޔަވައި ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ތަންތަނާއި ރާއްޖެއިންބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާގައި ވަނީ؛

ދިވެހިރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ފޮނުވުން

7. (ހ) ޖަލުގައި ހުރި މީހަކު ޞިއްޙީ ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވޭނީ ދިވެހިރާއްޖެއިން ފަރުވާދެވެން ނެތް ބަލިބައްޔަށް ފަރުވާ ކުރުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ޖަލުގައި ހުރި މީހަކު ބަލިވެގެން ކަމާބެހޭ ޚާއްޞަ ޑޮކްޓަރެއް ބަލައި އެ ބައްޔަކީ ދިވެހިރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއްކަމަށް ޑޮކްޓަރ ލަފާދީފިނަމަ، އެކަން ބެލުމަށްޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް. އެޗް) ގެ ކަމާބެހޭ ޚާއްޞަ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓުގެ މަދުވެގެން 2 (ދޭއް) ޑޮކްޓަރުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމްގައި އެ ދެ ޑޮކްޓަރުންގެ އެންޑޯޒްމަންޓާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ. މިގޮތުން އައި.ޖީ.އެމް.އެޗް. ގެ ކަމާގުޅޭ ޚާއްޞަ ޑިޕާޓްމަންޓުގައި ދެ ޑޮކްޓަރުން ނެތްނަމަ، އެކަން ބަޔާންކޮށްދޭ އައި.ޖީ.އެމް.އެޗް.ގެ ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) މެޑިކަލް ބޯޑުން ހުއްދަދެއްވާ ގޮތެއްގެމަތިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް، އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމްގައި ރަސްމީ އެންޑޯޒްމެންޓެއް ދިނުމުން އެ މީހަކަށް ބޭސްފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދޭންވާނެއެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ޤާނޫނާއި ގަވާއިދުތަކުގެ މާއްދާތަކުން އެނގޭގޮތުން، މެޑިކަލް ބޯޑަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި ތިބޭ ފަރާތްތަކަށް ދޭންޖެހޭ ފަރުވާއަކީ ރާއްޖެއިން ލިބެންނެތް ފަރުވާއެއްތޯ ބަލާ، އެފަރާތްތަކުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮތެއްކަނޑައަޅާ ބޯޑެކެވެ.