އެމްސީއެސްއިން ހައުސިންގ މިނިސްޓްރީއާއެކު ކޮމިއުނިޓީ ރީއިންޓެގްރޭޝަން ޕްރޮގްރާމްގެ އެމްއޯޔޫގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާހުރި، މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް ޑރ. މުޙައްމަދު މުއިއްޒުއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސް ވެރިންނާއި މުވައްޒަފުންގެ އިތުރުން ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމްގައި ހިމެނޭ ބައެއް ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން އުޅުން އެންމެ ރަނގަޅު، މުޖްތަމައުއަށް އެ ޤައިދީންގެ ފަރާތުން ގެއްލުން ނުލިބޭނެކަމަށް ޔަގީންވާ ޤައިދީންނަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަބްލިކް ވަރކްސް ސަރވިސްގެ ބެލުމުގެ ދަށުން މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖްގެ ރިންގް ރޯޑް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެ، އެލަވަންސް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.