މާފުށީ ޖަލުގައި ތިބި ބައެއް ޤައިދީން “ޕެންޓަގަން” އަށް ބަދަލުކޮށްފި

މާފުށީ ޖަލުގައި އަލަށް އިމާރާތްކުރަމުންގެންދާ “ޕެންޓަގަން” ޖަލަށް ބައެއް ގައިދީން ބަދަލުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޕީ.އާރު.އެސް) ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަޝީދު މިއަދު ވިދާޅުވީ މީގެ 15 ވަރަކަށް ދުވަސް ކުރިން ގައިދީންތައް “ޕެންޓަގަން” ޖަލަށް ބަދަލުކުރީ އެ ތަނުގެ މަސައްކަތް މުޅިން ނިމިގެން ނޫން ކަމަށާއި އެހެން ނަމަވެސް ޖަލުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ވަގުތަށް އެކަން ކުރަން ޖެހޭތީ ކަމަށެވެ.

“ޖަލުގައި އަލިފާން ރޯކޮށްލުމާ ގުޅިގެން ޖަލުގެ ހާލަތު ވަރަށް ގޯސްވެފައި އޮތީ. އެއާ އެކު މިއީ ރޯދަ މަސް ކަމަށް ވެފައި ތަންކޮޅެއް ބޮޑަށް ހަމަޖެހިލައިގެން ތިބެ އަޅުކަން ކުރެވޭނެ މާހައުލެއް ކުށްވެރިންނަށް ލިބިދޭން އެބަ ޖެހޭ. އެހެންވެ މިއީ ރޯދަމަސް ކަމަށް ވުމާ އެކު ކުށްވެރިންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޕެންޓަގަން ޖަލަށް ކުށްވެރިން ބަދަލު ކުރީ،” ޑީޖީ ރަޝީދު ވިދާޅުވި އެވެ.

މާފުށީ ޖަލުގެ ހުޅަނގު ފަރާތުގައި “ޕެންޓަގަން” ޖަލު އިމާރާތް ކޮށްފައި ވަނީ 300 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ނަމަވެސް މިހާރު އެތަނަށް ބަދަލުކޮށްފައި ވަނީ ކިތައް ގައިދީން ކަމެއް ޑީޖީ ރަޝީދު ވިދާޅެއް ނުވެއެވެ. އޭގެ އިތުރުން އެ ތަނަށް ޤައިދީން ބަދަލުކުރަނީ ކޮން ގޮތަކަށްތޯ އާއި އެ ތަނުގައި ތިބީ ކޮން ކެޓަގަރީއެއްގެ ގައިދީންތަކެއް ކަމެއް ވެސް ރަޝީދު ވިދާޅެއް ނުވެއެވެ.