އަންހެނުންގެ ދުވަހަށް މަރުހަބާ

MG_0012-620x413

ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އަށް ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ، ޤައުމުގެ ސިޔާސީ، އިގުތިޞާދީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރި ކުރުވުމެވެ.

ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރާތާ ގިނަ ދުވަސް ތަކެއްވެފައިވާއިރު، ދިވެހިރާއްޖެއަކީ އަންހެނުންނަށް ފުރުޞަތުތަކެއް ހުރި، އަންހެނުން ބާރުވެރިކުރެވިފައިވާ އަދި އަންހެނުން ޒިންމާދާރުކުރެވިފައިވާ ގައުމެއްކަން ފާހަގަ ކުރަންޖެހެނީ އުފަލާއެކުގައެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރަމުންދާ ފަރާތެވެ. މިމަސައްކަތީ ރިސްކް ބޮޑު،ބުރަމަސައްކަތެއް ނަމަވެސް މިމަސައްކަތުގައިވެސް އަންހެން ކަނބަލުން ދައްކަވަމުންގެންދާ ހިތްވަރާއި، އެކަނބަލުންގެ ކުޅަދާނަ ކަމަކީ އެފަރާތްތަކަށް ތައުރީފް ހައްގުވާފަދަ މަސައްކަތް ތަކެކެވެ

maldives correctional service

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މަދުނަމަވެސް އެކަނބަލުންގެ ހިދުމަތުގެ ހިއްސާއަކީ ކުޑަ ހިއްސާއެއް ނޫނެވެ. އިދާރީ ހިންގުމުން ފެށިގެން، ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އޮފިސަރުން ތަމްރީން ކުރުމުގައިވެސް އަންހެން ކަނބަލުންގެ ހިއްސާބޮޑެވެ. އާންމު ރައްޔިތުންނާއި، ދިވެހި ގައުމުގެ ރައްކާތެރިކަމަށްޓަކައި، ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އަވީގަޔާއި، ވެހޭވާރޭގައިވެސް ކުޑަވެސް ފަހަތަށް ޖެހުމެއްނެތި ސާބިތުކަމާއެކު އަންހެން އޮފިސަރުން ދައްކަވާ ހިތްވަރަކީ، އެއޮފިސަރުންގެ ހިތްވަރާއި ފަންވަރު ސާބިތުކޮށްދޭ މަސައްކަތެކެވެ. އަދި މިނޫނަސް ކުރަންޖެހުނު ކޮންމެ މަސައްކަތެއްގައިވެސް ފިރިހެނުންނާ އެއްހަމައެއްގައި އެއްސަފެއްގައި އެކަނބަލުންގެ ސާބިތުކަމާއި، ހިތްވަރު ދައްކަވަމުން ގެންދަވަނީ ނުހަނު ކުޅަދާނަ ކަމާއެކުގައެވެ.

ކުރިން ދެންނެވުނު ސަބަބުތަކާހުރެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ އަންހެން ކަނބަލުންގެ މަސައްކަތްތަކަކީ ބަލައިގަންނަންޖެހޭ ފަދަ މަސައްކަތްތަކެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ތިޔަ ކަނބަލުންގެ މަސައްކަތްތައް ބަލައިގަންނަނީ ނުހަނު އުފަލާއެކުގައެވެ.

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެޑް އޮފީހުގެ ފިރިހެން މުވައްޒަފުންގެ އިސްނެންގެވުމުގެ މަތިން މިދުވަސް ވަނީ ކުލަ ގަދަކޮށް ފާހަގަ ކޮށްފައެވެ. މިގޮތުން މިއަދު ހެނދުނު އަންހެން ކަނބަލުން އޮފީހަށް އައުމުން އެކަނބަލުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށް ހެޑް އޮފީހުގައި މަސައްކަތްކުރާ ކޮންމެ އަންހެން ކަނބަލަކަށް ހަދިޔާއެއް ވަނީ ދީފައެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އަންހެން އޮފިސަރުންނާއި، މުއައްޒަފުންގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ އުޚުތުންނަށް އަރިސްކުރަމެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *