ޑީ.ޕީ.އާރު.އެސް ގެ ކޯޕަރޭޓިވްސްގެ ފަރާތުން މާފުށީގައި ދެފިހާރައެއް ހުޅުވައިފި

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހަބެލިޓޭޝަން ސަރވިސްގެ ފަރާތުން މާފުށީގައި ދެ ފިހާރައެއް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ހުޅުއްވާ ދެއްވައިފިއެވެ.

އިއްޔެ މެންދުރު ހުޅުވުނު މިދެފިހާރައަކީ ޑީ.ޕީ.އާރު.އެސްގެ ފަރާތުން ހިންގަމުންގެންދާ ކޯޕަރޭޓިވްސްއިން މަސައްކަތްކޮށްގެން ހުޅުވި ދެ ފިހާރައެވެ. މިކޯޕަރޭޓިވްސްއަށް ފައިސާ ހޯދަނީ ޖަލުމީހުން މަސައްކަތްކޮށްގެންނެވެ.

މާފުށީ ޖަލު ސަރަޙައްދުގައި ހުޅުވި ފިހާރައިގައި ހުންނަނީ ޢާންމުކޮށް ބޭނުންކުރާ ތަކެއްޗެވެ. ޖަލު ސަރަޙައްދުން ބޭރުގައި މާފުށީ ރައްޔިތުންނަށްވެސް ވިޔަފާރިކުރެވޭގޮތަށް ހުޅުވި ފިހާރައިގައި ހުންނަނީ ޖަލުމީހުން ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި އަދި އަތްތެރި މަސައްކަތުގެ ސާމާނެވެ.

ޖަލު ގައިދީންނަށް ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ތެރޭގައި ދަނޑު ހެއްދުމާއި، ފެހުމާއި، އަތްތެރި މަސައްކަތާއި ގާއެޅުމުގެ މަސައްކަތް ހިމެނެއެވެ. ޖަލުގެ ދަނޑުތަކުގައި ކޮޕީފަތް، ކިއުކަންބާ، ލެޓިއުސް، ބަށި އަދި ކަރާ ހައްދައެވެ. އަތްތެރި މަސައްކަތުގެ ގޮތުގައި ލަކުޑިން ތަފާތު ތަކެތި އުފެއްދުމާއި ކުރެހުންވެސް ހިމެނެއެވެ.