ޕްރިސްކޯގެ މެންބަރުންނަށް ރޯދަ ހަދިޔާ ދީފި

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އިން އެ ސޮސައިޓީގެ ހުރިހާ މެންބަރުންނަށް ރޯދަ ހަދިޔާ ދީފިއެވެ.

މިގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި މަސައްކަތްކުރާ ޕްރިސްކޯ މެންބަރުންނަށް ރޯދަ ހަދިޔާ ހަވާލުކޮށްފައިވަނީ ހެޑް އޮފީހުން ރޭ ބޭއްވި މާހެފުމުގެ ހަފްލާގައެވެ. އެހެން ޖަލުތަކުގައިތިބި ޕްރިސްކޯގެ މެންބަރުންނަށް ރޯދަ ހަދިޔާ ހަވާލުކޮށްފައިވަނީ އެޖަލުތަކުގައި ބޭއްވި އެކި ޙަފްލާތަކުގައެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

މި ޙަފްލާގައި ޕްރިސްކޯގެ ޗެއަރމަން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއާއި ޕްރިސްކޯގެ ބޯޑުގެ މެންބަރުންގެ އިތުރުން ޖަލުތަކުގެ ވެރިންނާއި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕްރިސްކޯ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ވެލްފެއަރގެ ކަންތައްތަކުގައި ވަރަށްބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންގެންދާ ފަރާތެކެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންނަށް ހިންގާ އެކިއެކި ޙަރަކާތްތަކުގައިވެސް ގިނަގުނަ އެހީތެރިކަމެއް ފޯރުކޮށް ދެމުންގެންދާ ފަރާތެކެވެ.