ޕްރިޒަން އެކަޑަމީއިން ކުރިއަށް ގެންދިޔަ 16ވަނަ ތަމްރީން ޕްރޮގްރާމް ނިމިއްޖެ

ޕްރިޒަންސް އޮފިސަރުން ތަމްރީނު ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސްގެ ޕްރިޒަން އެކަޑަމީއިން ކުރިއަށް ގެންދިޔަ ސޯޅަވަނަ އެންޓްރީ ލެވެލްގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މާފުށީ ޖަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ ނައިބު މޫސާ ފަތުހީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަން ހަސަން ޒިލާލްއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރުގެ ނައިބު މޫސާ ފަތުހީ ވިދާޅުވީ ޖަލުގެ ޚިދުމަތް މިއަދު ބައްޓަން ކުރެވެނީ ޒަމާނީ ޢިލްމީ ތިއަރީގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން ފަތުހީ ވިދާޅުވީ އަދުގެ ސަރުކާރުގެ ވިސްނުމަކީ ޖަލުތަކުގައި ތިބޭ ޤައިދީންނަކީ މުޖުތަމައަށް ފައިދާހުރި، ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ބައިވެރިވެ ޤައުމީ އުފެއްދުންތެރި ކަމުގެ ޙިއްސާދާރުނަށް ހެދުން ކަމަށެވެ.
މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ޕްރިޒަން އޮފިސަރުންގެ ގޮތުގައި އަލަށް ޚިދުމަތާ ގުޅޭ ޖަލުތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގޭ ކޯހެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތުދެއެވެ.

މި ޓްރެއިނިގް ޕްރޮގްރާމު 32 އޮފިސަރަކު ވަނީ ފުރިހަމަ ކޮށްފައެވެ.