މާފުށީ ޖަލުގެ ކުށްވެރިންނަށް ރިހެބިލިޓޭޝަންގެ ޕްރޮގްރާމް ފަށައިފި

ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންނަށް ރިހެބިލިޓޭޝަންގެ ޕްރޮގްރާމް ރަސްމީކޮށް މިދިޔަ ހަފުތާގައި ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީޕީއާރުއެސް) ގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝިހާން މިއަދު ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށުމުގެ ގޮތުން މިހާރު ކުރިއަށް ގެންދަނީ ބައެއް މީހުންނަށް ކިޔަވައިދިނުމުގެ ކަންތައްތައް ކަމަށެވެ. އެގޮތުން ޖަލުގެ ދެ ކުލާހެއްގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ގްރޭޑް 7،6 ގެ މުގައްރަރަށް ކިޔަވައިދެމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“ގާތްގަނޑަކަށް 50 މީހަކު މިހާރު އެބައުޅޭ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެގެން. އަދި އެ އަދަދު ދުވަހުން ދުވަހަށް ދާނީ އިތުރު ވަމުން. އެ މީހުން ގެންދަނީ ކޮންމެ ދުވަހަކު ވެސް ކުލާހަށް ގޮސް ކިޔަވަމުން. ޖަލުގައި ތިބޭ މީހުންގެ ފަރާތުން މި ޕްރޮގްރާމަށް ލިބޭ ތަރުހީބު ވަރަށް ބޮޑު. އެމީހުން ވަރަށް ބޮޑަށް ބޭނުންވެގެން ތިބި ކަމެއް މިއީ،” ޝިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުގެ މީހުންނަށް މިހާރު ގްރޭޑް 7،6 ގެ މުގައްރަރަށް ކިޔަވައިދިން ނަމަވެސް، އެއަށްވުރެ މަތީ ފެންވަރަށް ކިޔަވައިފައިވާ މީހުން ތިބުމާއެކު އެމީހުންނަށް ވެސް ކުލާސްތަކެއް ކުރިމަގުގައި ހިންގާނެ ކަމަށެވެ. ޝިހާން ވިދާޅުވީ ޖަލު މީހުންނަށް ކިޔަވައިދިނުން ފެށިއިރު، އެކަމުގައި އަމަލީ ގޮތުން މިހާރު ހަރަކާތްތެރިވަމުން ދަނީ މާފުށީ ސްކޫލުގެ ބައެއް ޓީޗަރުން ކަމަށެވެ.

“ޓީޗަރުންތަކެއް އައުމުގެ މަގުމަތީގައި ތިބުމާއެކު މާފުށީ ސްކޫލުގެ ޓީޗަރުންތަކަކާއެކު ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން ކުރިއަށް މި ދަނީ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްގެންގޮސް އެކަޑެމިކަލީ އެ ކަންތައް ރޭވުމަށްޓަކައި ފުލް ޓައިމް މީހެއް ވެސް އެބަހުރި. އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. އޭގެ އިތުރުން ވިޒިޓިން ލެކްޗަރާސްގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ހޯދާނެ. މިހާރު ވެސް މައިޓުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭ. އެތަނުގެ އިތުރުން ވެސް ކޮލެޖުގެ އެހެން ފެކަލްޓީތަކުގެ އެހީ އަޅުގަނޑުމެން ހޯދާނަން،” ޝިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުގެ ކުށްވެރިންނަށް މިހާރު ކުރިއަށް ގެންދަނީ ކިޔަވައިދިނުން އެކަނި ނަމަވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި އަމަލީ މަސައްކަތްތައް ވެސް ދަސްކޮށްދޭން ފައްޓަވާނެ ކަމަށެވެ. ޝިހާން ވިދާޅުވީ މި ވަގުތު އަމަލީ މަސައްކަތްތައް ފެށުން ލަސްވެފައި ވަނީ ޖަލުގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑުވެފައި ވާތީ ކަމަށެވެ. އަމަލީ މަސައްކަތްތަކުގެ ތެރޭގައި ސިނާއީ ގޮތުން ކުރެވޭނެ ކަންތައްތަކާއި އާޓްސްގެ މަސައްކަތަކާއި ޓީޝާޓްގައި ތައްގަނޑު ޖެހުން ފަދަ ކަންތައްތައް ދަސްކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މި ޕްރޮގްރާމްގެ ބޭނުމަކީ މުޖުތަމައަށް އެމީހާ ނުކުންނައިރު އެއީ ބޭނުންތެރި މީހަކަށް ހެދުން. ޖަލުގެ ކާމިޔާބީ ޖަޖްކުރަން ޖެހޭނީ ޖަލަށް ވަންނަ މީހުންގެ ނިސްބަތަކުންނެއް ނޫން. ދެވަނަ ފަހަރަށް އަންނަ މީހުންގެ ނިސްބަތުން ކާމިޔާބީ ބަލަން ޖެހޭނީ. ޖަލަށް ފުރަތަމަ ވަންނަ މީހާ މުޖުތަމައަށް ނުކުމެ އޭނާއަށް ލިބިފައި ހުންނަ ހުނަރުގެ ބޭނުން ހިފާނެ ގޮތް ދަސްކޮށްދޭން ޖެހެނީ. ޖަލުން މުޖުތަމައަށް ނުކުންނަ މީހާއަށް އިސްލާހުވުމުގެ ފުރުސަތެއް މި ދެނީ. މިއީ ޖަލު މީހުން ވަރަށް ބޭނުންވެގެން ތިބި ކަމެއް،” ޝިހާން ވިދާޅުވި އެވެ.