ޑިޓެއިނީސް އެންރިޗްމަންޓް ޕްރޮގްރާމް އިފްތިތާހުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޑިޓެއިނީސް އެންރިޗްމަންޓް ޕްރޮގްރާމް” ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިފްތިތާހްކޮށްދެއްވައިފިއެވެ.

ސީޕީ ޝިހާން މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ހުޅުމާލޭ ޖަލުގައި ރޭ ބޭއްވި މާހެފުމުގެ ހަފްލާގައެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން ސީޕީ ވިދާޅުވީ މި ޕްރޮގްރާމް ރާވާ ހިންގުމަށް އުޅުއްވާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމްސީއެސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ދެވޭ އެކިއެކި ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރަމުން ގެންދާތީ އެކަމާ ސީޕީ އުފާކުރައްވާ ކަމަށެވެ.

_MG_7611

މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ ޕްރިޒަންސް އޮފިސަރުންގެ އިތުރުން ހުޅުމާލޭ ޖަލުގެ އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުން ބައިވެރިވެލެއްވިއެވެ.

ޑިޓެއިނީސް އެންރިޗްމަންޓް ޕްރޮގްރާމަކީ ހުޅުމާލޭ ޖަލުގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައިވާ ބިދޭސީންނަށް، ބަންދުގައި ތިބޭ މުއްދަތުގައި ތަޢުލީމާއި އަދި ފަންނީ ތަމްރީންތަކާއި ކޯސްތައް ކުރިއަށް ގެންދާގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިންނަށް ސިއްޙީ ހޭލުންތެރިކަން އިތުރުކުރުން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޤައިދީންނަށް ކިޔަވައި ދިނުމަށާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެއެވެ. އެގޮތުން ޖަލުތަކުގައި ތިބޭ ޤައިދީންނަށް އަމާޒުކޮށްގެން ޞިއްޙީ ހޭލުންތެރިކަމާގުޅޭ ތަފާތު ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ހިންގައެވެ.