ވަކީލުންނާ ބައްދަލުކުރުން.

މިދުވަސްވަރު ހިނގަމުންދާ ޝަރީއަތްތަކަށް ބަލާފައި، އަދި ބައެއް ބަންދުމީހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު، އަންނަނިވި ބަދަލުތައް، މާފުށީ ޖަލުގައި ދެވޭ ވަކީލު ބައްދަލުވުމާ ގުޅޭތޮގުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގެނެސްފައިވާނެއެވެ.

– ބަންދުމީހާ ނުވަތަ ގައިދީ، ނަން ހުށަހަޅާފައިވާ ވަކީލަކު، އެ ބަންދުމީހާ ނުވަތަ ގައިދީއެއްގެ މައްސަލައާ މެދު ބައްދަލުކުރެއްވުމަށް އެދިލިއްވާ ފުރަތަމަ ފަހަރު އެ ބަންދުމީހާ ނުވަތަ ގައިދީގެ ވަކީލެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެއެވެ. އަދި އެއަށްފަހު، އެ ވަކީލަކު އެ ބަންދު މީހާ ނުވަތަ ގައިދީ އާ، އެ މައްސަލާގައި، ބައްދަލު ކުރެއްވުމަށް އެދިލައްވާއިރު، ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވާ ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

– ކޮންމެ ބަންދުމީހަކަށް ނުވަތަ ގައިދީއަކަށް ލިބޭނީ ގިނަވެގެން 2 (ދޭއް) ވަކީލުންނާއެކު، ދުވާލަކު އެއް ބައްދަލުވުމެވެ.

– ވަކީލުންގެ ބައްދަލުވުމަށް އެދޭ ފޯމު ބަލައިގަންނާނީ ކުރިއެކޭ އެއްފަދައިން މާލެ ދެކުނުފަރާތު ބޮޑުތަކުރުފާނުމަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފީހުންނެވެ. ރޭގަނޑާއި ދުވާލު، ކޮންމެ ގަޑިއެއްގައިވެސް ވަކީލުން ބައްދަލުކުރުމަށް އެދި ހުށަހަޅުއްވާ ފޯމު އެތަނުން ބަލައިގަންނާނެއެވެ.

– މާފުށީ ޖަލުގައި ވަކިގަޑިތަކެއްގައި އެކަނި ވަކީލު ބައްދަލުވުން ދިނުމުގެ ބަދަލުގައި، ހަފުތާގެ ކޮންމެ ދުވަހެއްގައި 24 ގަޑިއިރުތެރޭގައި، ބަންދުމީހަކު ނުވަތަ ގައިދީއަކު ނަންހުށަހަޅާފައިވާ ވަކީލަކު އެދުނު ކޮންމެ ގަޑިއެއްގައި ބައްދަލުވުން ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، މިގޮތަށް ގަޑި ހަމަޖައްސައި ދެވޭނީ، ފުރަތަމަ އެދިލައްވާ ފަރާތަށް އިސްކަންދީގެންނެވެ. ކޮންމެ ވަކީލަކަށްވެސް ބައްދަލުވުމަށް ނޯޓުކުރެއްވޭނީ އޭނާގެ މުވައްކިލް އާއެކު ކުރިޔަށް އޮތް ބައްދަލުވުމަށެވެ. އެދިލައްވާ ގަޑި ލިބެންނެތް ނަމަ، ދެން ލިބެން އޮތް ގަޑި އެއް ޚިޔާރު ކުރެއްވޭނެއެވެ.

– ވަކީލުންނާ ބައްދަލުކުރުމަށް ބޭނުންކުރާ ތަނުގެ އިތުރުން، މާފުށީ ޖަލުގައި އާއިލާއާ ބައްދަލުކުރާ ތަންވެސް ވަކީލު ބައްދަލުވުމަށް ވަނީ ހުޅުވާލާފައެވެ. އާއިލީ ބައްދަލުވުން ދޭ ތަނުގައި ވަކީލުންގެ ބައްދަލު ވުމެއް ދޭ ނަމަ، ކޮންމެވެސް ގައިދީއެއް ނުވަތަ ބަންދު މީހެއްގެ އާއިލީ ބައްދަލުވުމުގެ ފުރުސަތު ފަސްކުރެވިގެން ދާނެއެވެ. އަދި އާއިލާއާ ބައްދަލުވުމަށް ހަމަޖެހިފައިވާ ގައިދީ ނުވަތަ ބަންދުމީހާއަށް ފަހުން އެބައްދަލުވުން ދެވޭނެއެވެ.