“ޓްރޭނިންގ ފޯ ޓްރޭނަރސް” ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ޓްރޭނިންގ ފޯ ޓްރޭނަރސް” ޕްރޮގްރާމް އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތިތާހުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ.

މި ރަސްމިއްޔާތުގައި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސް.ޕީ.އޯ އަޙްމަދު ޝާހިދުގެ އިތުރުން އައިކޯސްޓްގެ ފެކަލްޓީތަކުގެ ވެރިންނާ ކިޔަވައިދެއްވާ ފެސިލިޓޭޓަރުން ބައިވެރިވެލެއްވިއެވެ.

IMG_7757

ރަސްމިއްޔާތުގައި ޑީސީޕީ ޒިލާލް ވިދާޅުވީ މި ޕްރޮގްރާމް ފުރިހަމަކުރާ އޮފިސަރުންނަކީ ރިހެބިލިޓޭޝަންގެ ފޭސްތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ގޮތުގައި ވެގެންދާނެކަމަށާއި އަދި މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ދާއިރާއިން ރާއްޖޭން ބޭރުން ލިބޭ ފުރުސަތުތައްވެސް ލިބިގެންދާނީ މިހާރު މިކަންކަމަށް އަހުލުވެރިވެގެން މަސައްކަތްކުރަމުންގެންދާ އޮފިސަރުންނަށް ކަމަށެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޖަލުގައި ތިބި ޤައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ފްރޭމްވޯރކްގެ ފޭސްތަކުގައި ކިޔަވައިދޭނެ  އޮފިސަރުން ތަމްރީންކުރުމާއި، މިއޮފިސަރުންގެ ގައިގައި ކިޔަވައިދިނުމުގެ ހުނަރު ތަރައްގީކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.