ގައިދީންނަށް ޤިރާއަތު ކޯސްގެ ލެވެލް 1 އަދި 2 ފަށައިފި

ޤިރާތު ކޯހުގެ ކުލާހެއްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ޤައިދީންނަށް ހިންގާ ޤިރާއަތު ކޯހުގެ ލެވަލް އެކެއް އަދި ދޭއްގެ ދެ ބެޗް އައްސޭރި ޖަލުގައި އާއި މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މި ގޮތުން 19 ގައިދީންނާއެކު ޤިރާއަތު ކޯސް ލެވެލް 1 ގެ 15 ވަނަ ބެޗް އައްސޭރި ޖަލުގައި ފަށާފައިވާއިރު، މާފުށީ ޖަލުގައި 10 ގައިދީންނާއެކު ފަށާފައިވަނީ ޤިރާއަތު ކޯސް ލެވެލް 2 ގެ އައްވަނަ ބެޗެވެ.

ޤިރާއަތު ލެވެލް އެކެއްގެ ކްލާސްތައް އަށް ހަފްތާގެ މުއްދަތަށް ކުރިއަށްދާއިރު ކޯސް ލެވެލް ދޭއް ކުރިއަށްދާނީ ހަތަރު މަސް ދުވަހަށެވެ.

މި ދެ ކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޯރ ޤުރްޢާން އެންޑް ސުންނަތުގެ އުސްތާޛުންނެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު، ޢިލްމުހުރި ފަރުދުންގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން އައިކޯސްޓްއިން ދަނީ ޤައިދީންނަށް އަމާޒުކޮށްގެން ތަޢުލީމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަށް ދެވޭނެ ތަފާތު ކޯސްތައް ހިންގަމުންނެވެ.