މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ކުރިމަތިލައިގެން މިތިބީ ވަރަށް ހަލަބޮލި ދުވަސްކޮޅަކާ – ކޮމިޝަނަރ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ކުރިމަތިލައިގެން މިތިބީ ވަރަށް ހަލަބޮލި ދުވަސްކޮޅަކާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވިދާޅުވެއްޖެއެވެ.

ސީ.ޕީ ޝިހާން މިހެން ވިދާޅުވީ މާފުށީ ޖަލުގައި އިއްޔެ ބޭއްވި 21 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިހާ ދަތި އުދަނގޫތަކާ ކުރިމަތި ލަމުންދާ ދަނޑިވަޅެއްގައި މިފަދަ މުއައްސަސާއަކަށް އެ ހުރިހާ އޮފިސަރުން ކުރިމަތިލެއްވި ކަމަށްޓަކާ އެ އޮފިސަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ހުރިހާ އޮފިސަރުންވެސް ތަމްރީނު ފުރިހަމަކޮށް، މަސައްކަތުގެ މާޙައުލަށް ނުކުންނައިރު ތަމްރީނުގައި ދަސްކުރިއެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވާނެކަމަށެވެ.

_MG_2576

މި ތަމްރީނު ޕްރޮގްރާމް އެކުލަވާލި ގޮތުގެމައްޗަށް އަލިއަޅުއްވާލައްވާ ސީ.ޕީ ޝިހާން ވިދާޅުވީ، ކުރީގައި މި ސަރވިސްގައި ތިބި އޮފިސަރުންގެ ޖަލުބެލެހެއްޓުމުގެ އެއްވެސް ތަމްރީނެއް ނެތުމުން ފުރަތަމަ ޕްރިޒަން އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގީ މި ސަރވިސްގެ އޮފިސަރުން އޮސްޓްރޭލިޔާއަށް ފޮނުވައިގެން ކަމަށެވެ. އަދި މިއަދު އައިކޯސްޓް އަރާ އެހެރީ އެދުވަހު ކުރިމަސައްކަތުން ތަމްރީނުވި އޮފިސަރުން އެޅި ބިންގަލުގެމައްޗަށް ކަމަށެވެ.

މި ކޯހުގައި 29 ފިރިހެން ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މި ކޯހަކީ 17 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.