ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް 2018

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ބޭކަނބަލުންނަށް އަރިސްކުރަމެވެ.

އަންހެނުންގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރުމުގެ ބޭނުމަކީ އަންހެނުން ކުރިއަރުވާ، ބާރުވެރިކުރުމަށް މިހާތަނަށް ކުރެވިފައިވާ ކަންތައްތައް ބަލައި އެކަންތައްތައް ފާހަގަކުރުމާއި، ބަދަލުގެންނަންޖެހޭ ކަންތައްތަކަށް ގޮވާލުމުގެ އިތުރުން އަންހެނުންނަށް ލިބިފައިވާ ކާމިޔާބީތައް އުފަލާއެކު ފާހަގަކުރުމެވެ.

އަންހެނުންނަކީ އެކި ސިފަސިފައިގައި މުޖްތަމައުގައި މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އަދި މުޖްތަމަޢަށް އެކި ގޮތްގޮތަށް އަގުހުރި ހިދުމަތްކޮށްދޭ ބައެއްވެސް މެއެވެ. މިއަދުގެ އަންހެނުންނަކީ އިސްނަގައިގެން ފިރިހެންނުންނާއެކު އެއް ސަފެއްގައި ކުރިއަށްދާ ބައެކެވެ.

ޤައުމެއް ކުރިއަރުވަން އަންހެނުންގެ އެހީތެރިކަން ލިބުން މުހިއްމުކަމަކަށްވާއިރު، އަންހެނުންނަށް ލިބެމުންދާ އަނިޔާތައް އިތުރުވަމުންދިއުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަންހެނުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް އިތުރުވުމަކީ މުޖްތަމަޢުގެ ކުރިއެރުމުގެ ބަދަލުގައި އެ މުޖުތަމަޢެއް ދަށު ދަރަޖައަކަށް ހިނގައިދާނެ ކަމެކެވެ. އަންހެނުން ކުރިއެރުވުމަށް ބައިނަލް އަޤުވާމީ ޖަމިއްޔާ ތަކުގައި ބައިވެރިވިޔަސް ނުވަތަ މުވާހަދާތަކުގައި ސޮއިކުރި ކަމުގައިވިޔަސް، އެ ޤައުމެއްގެ މުޖްތަމަޢު އެކަން ޤަބޫލުކޮށް، އެއަށް އަމަލުނުކުރާނަމަ، އެއީ ބޭކާރު ކަމެކެވެ.

މިއަދުގެ އަންހެނުންނަކީ އިޤްތިޞާދީ ގޮތުން ފުއްދުންތެރި ބަޔަކަށް ވާއިރު، އެ ކަނބަލުންނަކީ ދުނިޔޭގެ ފެންވަރުގައާއި ދިވެހިރާއްޖޭގައިވެސް އެކި ރޮގުން ކާމީޔާބީ ހޯދަމުން ދާބައެކެވެ. ޒިންމާދާރު ވަޒީފާތައް އަދާކުރުމުގަޔާއި ވަޒީފާއަށް ނުދިޔަ ކަމުގައިވިޔަސް، ގޭގައި ތިއްބަވައިގެން އާއިލާގެ ކަންތައްތައް ހަރުދަނާކޮށް ބެލެހެއްޓުމުގައި އަވަދި ނެތި އުޅުއްވާ ބައެކެވެ. އަދި މިފަދަ ހީވާގި ބައެއްގެ ހައްގުތައް ރައްކާތެރިކޮށް، އެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެމައްޗަށް ނުހަނު މުހިންމުވެގެންވާ ކަމެކެވެ.

ދިވެހި ޤައުމު އެކި ރޮނގޮތަކުން ތަރައްޤީކުރުމަށް އަންހެން ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށް ތަޢުރީފުކޮށް، އެކަނބަލުންނަށް ޝުކުރު އަދާކުރަމެވެ. އަދި ޚާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވަމުން ގެންދަވާ އަންހެން އޮފިސަރުންނަށާއި މަދަނީ މުވައްޒަފުންނަށްވެސް މި ފުރުޞަތުގައި ޝުކުރުއަދާކުރަމެވެ.

اللّـه سبحـانـه وتعـالى ތިޔަ އެންމެ ކަނބަލުންނަށް، އުފާވެރިކަމާއި ފާގަތި މުސްތަޤްބަލެއް މިންވަރު ކުރައްވާށި! އާމީން.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން