މާފުށީ ޖަލަށް ވައްދަން އުޅުނު މަނާއެއްޗެހިތަކެއް އަތުލައިފި.

ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި.

މާފުށީ ޖަލަށް އެކަހެރި ބައްދަލުވުމަށް ދިޔަ އަންހެނަކު ހެދުމުގެ ތެރެއަށްލާ ފޮރުވައިގެން ޖަލަށް ވެއްދުން މަނާއެއްޗެހިތަކެއް ވައްދަން އުޅެނިކޮށް މިރޭ އަތުލައިފިއެވެ.

އެ އަންހެންމީހާ ބަލައިފާސްކުރުމުގެ ތެރޭގައި ނޮކިޔާ ބްރޭންޑްގެ ދެ ފޯނާއި، ފަސް ސިމްކާޑާއި، ފަސް އެސްޑީ މެމޮރީ ކާޑާއި، ދެ ޗާޖަރާއި، ދެ ފޯނު ބެޓެރީގެ އިތުރުން ޗާޖަރާއިއެކު އޮތް ވަޔަލެސް ހެޑްސެޓަކާއި ދެ ސުޕަރ ގްލޫ ފުޅި ވަނީ ފެނިފައެވެ.

އެމީހާ މާފުށީ ޖަލަށް މިރޭ ގޮސްފައިވަނީ ޤައިދީންނަށްދޭ އެކަހެރި ބައްދަލުވުމުގެ ފުރުސަތުގައި ޖަލުގައިވާ އޭނާގެ ފިރިމީހާއާ ބައްދަލުކުރުމަށެވެ. އެ އަންހެންމީހާ އެކަހެރި ބައްދަލުވުމަށް ދިޔައީ 11 މަހުގެ ކުޑަ ދަރިފުޅު ގޮވައިގެންނެވެ.

އެ އަންހެންމީހާ މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައެވެ.

މިފަދައިން ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށާއި މިފަދަ ކަންކަމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ޤައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އެމްސީއެސް އިން އިލްތިމާސްކުރެއެވެ.