އެމްސީއެސްއިން ސްޓެލްކޯއާއިއެކު ކޮމިއުނިޓީ ރީއިންޓެގްރޭޝަން ޕްރޮގްރާމްގެ އެމްއޯޔޫގައި ސޮއިކޮށްފި

ކޮމިއުނިޓީ ރީއިންޓެގްރޭޝަން ޕްރޮގްރާމްގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާހުރި، ރަނގަޅު މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި ގުޅިގެން ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭ އިންޖީނުގޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެމްއޯޔޫގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ސޮއިކުރެއްވި އިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އޮނަރަބަލް އަޙްމަދު ޒުހޫރުއެވެ.

_MG_0367 (2)

މި ރަސްމިއްޔާތުގައި ދެ މުވައްސަސާގެ އިސް ވެރިންނާއި މުވައްޒަފުންގެ އިތުރުން ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމްގައި ހިމެނޭ ބައެއް ގައިދީން ވަނީ ބައިވެރިވެފައެވެ.

ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ޖަލުތަކުގައި ހުކުމްތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން އުޅުން އެންމެ ރަނގަޅު، މުޖްތަމައުއަށް އެ ޤައިދީންގެ ފަރާތުން ގެއްލުން ނުލިބޭނެކަމަށް ޔަގީންވާ ޤައިދީންނަށް ހުޅުމާލޭގައި ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެ، އެލަވަންސް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މި ޕްރޮގްރާމްގައި ސްޓެލްކޯއިން ބައިވެރިވެރި ވުމުގެ ބޭނުމަކީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ކުރިއެރުވުންކަމަށް ސްޓެލްކޯ އިން މައުލޫމާތު ދެއްވިއެވެ.

އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު، ސީޕީ ޝިހާންއާއި ސީއީއޯ ޒުހޫރުވަނީ ރަސްމީއްޔާތުގައި ހާޒިރުވެތިއްބެވި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މިގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސީޕީ ޝިހާން ވިދާޅުވީ މި މަސައްކަތްތަކުގައި ބައިވެރިވާ ގައިދީން ތިބޭނީ ހުޅުމާލޭ ޖަލުގައިކަމަށާއި ކޮންމެ ދުވަހަކު މަސައްކަތްކުރާ ތަނަކަށް އެ ޖަލުން ގައިދީން ގެންގޮސް، މަސައްކަތް ނިމުމުން އަނބުރާ ޖަލަށް ގެންދެވޭނެކަމަށެވެ. އަދި ގައިދީންގެ ސަލާމަތީ ކަންތައްތައް އެމްސީއެސްގެ އޮފިސަރުންކުރިއަށް ގެންދާނެ ވާހަކަވެސް ސީޕީ ޝިހާން ވިދާޅުވިއެވެ. ސީއީއޯ ޒުހޫރު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ސަބްސްޓޭޝަންތަކާއި ކޭބަލް ވަޅުލުން ފަދަ ކަންތައްތައް އެކި ސައިޓްތަކުގައި ކުރިއަށްދާނެކަމަށެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި ބައިވެރިވަނީ 30 ޤައިދީންނެވެ. މި އެމްއޯޔޫގެ މުއްދަތަކީ އެއް އަހަރުދުވަސް ކަމުގައިވީނަމަވެސް، އެމްއޯޔޫގެ މުއްދަތު އަދި ބައިވެރިވާ ޤައިދީންގެ އަދަދު އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ސީޕީ ޝިހާން ވިދާޅުވިއެވެ.