ޕްރިސްކޯގެ ފިހާރައެއް މާލެ ޖަލުގެ އެނެކްސް އެކެއްގައި ހުޅުވައިފި

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)ގެ ފިހާރައެއް މާލެ ޖަލުގެ އެނެކްސް އެކެއްގައި ހުޅުވައިފިއެވެ.

މާލޭ ޖަލުގެ އެނެކްސް އެކެއްގައި ޤާއިމްކޮށްފައިވާ “ޕްރިސްކޯ ޝޮޕް 2” ހުޅުވުމަށް ފެބްރުއަރީ 16 ވަނަ ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިހާންއެވެ.

މާލެ ޖަލުގެ އެނެކްސް އެކެއްގައި ހުޅުވިގެންދިޔަ ޕްރިސްކޯ ޝޮޕްއަކީ ޕްރިސްކޯއިން ހުޅުވި ފުރަތަމަ ފިހާރައެވެ. ދެވަނަ ފިހާރަ (ޕްރިސްކޯ ޝޮޕް 1) ހުޅުވާފައިފަނީ 16 ފެބްރުއަރީ 2018 ވަނަ ދުވަހު މާފުށީ ޖަލުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހިދުމަތްދިނުމުގެ ގޮތުން ހުޅުވިގެންދިޔަ މި ފިހާރައިގެ ސަބަބުން އެމްސީއެސްގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ އާއިލާތަކަށް ފަސޭހަކަމާއެކު ތަކެތި ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމުގެ އިތުރުން ޕްރިސްކޯގެ މެންބަރުންނަށް ކްރެޑިޓަށް ތަކެތި ނެގުމުގެ ހިދުމަތްތައް ހަމަޖެހިގެންދާނެކަމަށް ޕްރިސްކޯއިން މައުލޫމާތުދެއްވައެވެ.

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަކީ ކޯޕަރޭޓިވް ސޮސައިޓިއާ ބެހޭ ޤާނޫނުގެ 7 ވަނަ މާއްދާ އާއި ތަޢާރުޒު ނުވާނެ ފަދައިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތް ކުރެއްވި މުވައްޒަފުންތަކެއްގެ އިސް ނެންގެވުމާއެކު ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަވައި ސޮސައިޓީގައި ބައިވެރިވާ މެމްބަރުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަސްލަޙަތު ކުރިއެރުވުމާއި ސޮސައިޓީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި، ހިންގާ ކޮމެޓީގެ ބޯރޑް މެމްބަރުންގެ ނިންމެވުމާ އެއްގޮތަށް ކަންކަން ނިންމަމުންދާ  ސޮސައިޓީއެކެވެ.