ނޫސްބަޔާން

ޝަރުޢީ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކާ ޙަވާލާދީ އެއްވެސް ވާހަކައެއް ޝާއިޢުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށާއި، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން މީގެ ކުރިން މި ސަރވިސްގެ ފަރާތުން އާންމުކޮށްފައިވާ ނޫސްބަޔާންތަކުން ވާނީ އިލްތިމާސްކޮށްފައެވެ.

ޝަރުޢީ ޙުކުމެއް ތަންފީޛުކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެއްވެސް މައުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުންކުރަންވާނީ ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 2016/R-34 (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައިތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔަތްތަކާބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު 2016/R-35  (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު) ގައިވާ ގޮތުގެމަތިންނެވެ.

ނަމަވެސް ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ޝާއިޢުކުރަމުންދާ ޚަބަރުތަކަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ޝާއިޢުކުރަމުންދާ ޚަބަރުތަކެއްކަން ފާހަގަކުރަމެވެ. އެފަދަ ތަކެތި އާންމުކުރާ ފަރާތްތަކާއި، މީޑިއާތަކުން ޝާއިޢުކުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަން ފަށައިފީމެވެ.

29  ޖަނަވަރީ  2018